11 Dec 2010, 10:06
ކަނޑުން އިއާދަ ކުރުވަނިވި ހަކަތަ ރާއްޖޭގައި އުފެއްދި ދާނެތޯ ދިރާސާއެއް ކުރުމަށް ސުކޮޓްލޭންޑާއި ދިވެހި ރާއްޖެ އާ ދެމެދު އެއްބަސްވެފައި ސޮއިކޮށްފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެފި އެވެ.
ސުކޮޓްލޭންޑްގެ ހަބަރުތައް ގެނެސްދޭ އޮންލައިން ނޫސް، ސުކޮޓްސްމޭން ޑޮޓް ކޮމްގައި ބުނަނީ އެ އެއްބަސްވުމުގެ ދަށުން ރޮބަޓް ގޯޑަން ޔުނިވާސިޓީގެ ފަރާތުން ރާއްޖޭގެ ރާޅާއި ދިޔަވަރުން ކަރަންޓު އުފެއްދޭނެ މިންވަރާއި ގޮތްތަކާ ގުޅޭ މައުލޫމާތު ހޯދާނެ ކަމަށާއި އެ ޕުރޮޖެކްޓަށް 48000 ޕައުންޑް ހަރަދުވާނެ ކަމަށެވެ.
އެ ޕުރޮޖެކްޓް ރަސްމީކޮށް އިއުލާންކޮށްފައި ވަނީ މިދިޔަ ހަފުތާގައި މެކްސިކޯގައި ބޭއްވި އދ.ގެ މޫސުމީ ވާހަކަތަކުގެ ހަވާސާގައި ސުކޮޓްލޭންޑުގެ އެންޓަޕުރައިޒް މިނިސްޓާ ޖިމް މާތާކަމަށް އެ ނޫހުގައިވެ އެވެ.
ރާއްޖެ ކާބަން ނިއުޓުރަލް ގައުމަކަށް ވުމަށް ރާއްޖެ ކުރަމުން އަންނަ މަސައްކަތަށް އެ ޕުރޮޖެކްޓުން އިތުރު ހިތްވަރެއް ލިބެމުން އަންނާނެ ކަމަށާއި ސުކޮޓުލޭންޑުން ރާއްޖޭގައި އިންވެސްޓް ކުރުމާއި ވަޒީފާގެ ފުރުސަތު ހުޅުވިގެން އަންނާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށް ޖިމް މާތާ ވިދާޅުވި ކަމަށް އެ ނޫހުގައިވެ އެވެ.
އެ ނޫސް ބުނަނީ ރާއްޖޭގައި ހިންގުމަށް ހަމަޖެހުނު އެ ޕުރޮޖެކްޓުގެ ސަބަބުން ސުކޮޓްލޭންޑުގެ ބައެއް ސިޔާސީ ފަރާތްތަކުގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށާއި އެ ޕުރޮޖެކްޓުގެ ފުރަތަމަ ރިޕޯޓް ނެރޭނީ މިއަން އަހަރުގެ މެދުތެރޭގައި ކަމަށެވެ.