30 Dec 2013, 13:07
ލ. ކުނަހަންދޫގެ އަކަށް ވައްކަން ކުރަން ވަތް މީހަކު މުސްކުޅިއަކަށް ހަމަލަދީ ޒަހަމްކޮށްލައިފި އެވެ.
ކުނަހަންދޫ ކައުންސިލްގެ މެމްބަރު އަސްމާއު އަބޫބަކުރު ވިދާޅުވީ ރޭ ދަންވަރު 12:30 އާއި 1:00 އާ ދެމެދުގެ ވަގުތެއްގައި ވައްކަން ކުރަން ވަތް މީހާ އުމުރުން ދުވަސްވީ އަންހެން މީހާގެ ބޮލަށް ހަމަލަދީ ޒަޚަމްކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މާ ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ. ކައުންސިލަރު ވިދާޅުވީ އޭނާގެ ބޮލުގެ ދެ ތަނަކުން ފަޅައިގެން ދިއުން ފިޔަވައި އިތުރު ޒަޚަމެއް ނެތް ކަމަށެވެ.
މުސްކުޅި ދެމަފިރިން ދިރިއުޅޭ ގެއަށް ވަދެފައި ވަނީ އެގޭގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން ކަމަށާއި ވަގުގެ ފިޔަވަޅު ގޭތެރޭގައި ހުރި ގޮނޑިއެއްގައި ހުރި ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
ކައުންސިލަރު އަސްމާއު ވިދާޅުވީ ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް ފުލުހުންނަށް އެ ރަށަށް ނުދެވޭ ކަމަށެވެ.
އަސްމާއު ވިދާޅުވީ މީގެ ކުރިން އެ އަންހެންމީހާ ރަށުގައި ނެތީ ފިރިމީހާ އެކަނި ރަށުގައި އުޅެނިކޮށް އެގެއަށް ވަގަކު ވަދެ މުސްކުޅި މީހާގެ ޖީބު ކަފާލައި ލާރިކޮޅު ހިފައިގެން ފިލާފައިވާ ކަމަށެވެ.