ވީޓީވީން ފޮނުވި ކޮންޓެއްޓެއްގައި ބްރޯޑްކާސްޓް ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވެފައި ވާތީ އެކަމަށް މާފަށް އެދެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ވީޓީވީން މާފަށް އެދި ބަޔާނެއް ނެރުމަށް އަންގާފައި ވަނީ ގައުމުގެ މަސްލަހަތު ގެއްލޭފަދަ ގޮތަކަށް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފަށް ކޮންޓެންޓް ފޮނުވާކަމަށާއި "އަތް ބުރިއަރުވާލާނަން" މިހެން ބުނެފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާކަން ކޮމިޝަނަށް ފާހަގަކުރެވިފައި ވާތީ އެ މައްސަލަ ބެލުމަށް ފަހުގައި ކަމަށެވެ.

އެގޮތުން އެ ކޮމިޝަނުން ވަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން މާފަށް އެދި ބަޔާނެއް ނެރުމަށާއި އެއްވެސް ޝަރުތެއް ނެތި އެ ބަޔާން މިއަންނަ ހަފްތާގެ ކުރިން އެއް ރޭ 8:00 އާއި 10:00 ދެމެދު ވީޓީވީން އާއްމުކުރުމަށް ވީޓީވީ ހިންގާ އައިލަންޑް ބްރޯޑްކާސްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑަށް އަންގާފަ އެވެ.

މީގެ އިތުރުން އެ ކޮންޓެންޓްގެ ރިޕީޓް ބްރޯޑްކާސްޓްކުރާ ނަމަ އިސްލާހުކުރުމަށް ފަހު ބްރޯޑްކާސްޓް ކުރުމަށާއި ލައިވް އިވެންޓްތަކާއި ޕްރޮގްރާމްތައް ފޮނުވާއިރު އެފަދަ ކޮންޓެންޓް އޮންއެއާ ނުވާނޭގޮތުގެ މަތީން އިންތިޒާމްތައް ބެހެއްޓުމަށް ވެސް ކޮމިޝަނުންގެ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާކަމަށް ކޮމިޝަނުން ބުންޏެވެ.