މިދިޔަ ހަފްތާގެ ތެރޭ 64 މައްސަލައެއްގެ ތަހުގީގު ނިންމައި 109 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ޕީޖީ އޮފީހަށް ދަޢުވާކުރުމަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީގެ 25 މައްސަލައަކާއި ވައްކަމުގެ 13 މައްސަލައަކާއި މާރާމާރީގެ ނުވަ މައްސަލައެއް ހިމެނޭ ކަމަށެވެ. އަދި ބަދުއަޚްލާގީ އަމަލު ހިންގުމުގެ ނުވަ މައްސަލައާއި ޗެކް ބައުންސްވުމުގެ ދެ މައްސަލައަކާއި ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގޯނާ ކުރުމުގެ ދެ މައްސަލައެއްގެ އިތުރުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ތިން މައްސަލައެއް ހިމެނެ އެވެ.

އެ މައްސަލަތައް ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރަން ފޮނުވާފައި ވަނީ މިމަހުގެ 22 އަދި 28 ވަނަދުވަހު އެވެ.
މިހާރު އިޢުލާންކޮށްފައިވާ ފުލުހުންގެ 100 ދުވަހުގެ މަގުޗާޓުގައި އަމާން ރައްކާތެރި މުޖުތަމައެއް ކަށަވަރުކުރުމާއި ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގް އަވަސްކޮށް، 2013 ވަނަ އަހަރުގެ ކުރިން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މަދުވެގެން 80 ޕަސެންޓް މައްސަލަ ނިންމަން ވަނީ ކަނޑައަޅާފަ އެވެ.