30 Dec 2013, 10:18
ހިޓާޗީ އެމްބީއޭ ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ދެ ވަނަ މެޗުގައި ރޭ ދިވެހި ސިފައިންގެ ކްލަބް އަތުން 84 ޕޮއިންޓް 100 ޕޮއިންޓުން މޮޅުވެ މުބާރަތުގެ ޗެމްޕިއަންކަން އާރްއެލްސީއިން ހޯދައިފި އެވެ.
ދެ ޓީމްގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ އާރްއެލްސީ ޓީމްގެ މުހައްމަދު ފިރާޝެވެ.
ރޭގެ މެޗުން ބަލިވި ސިފައިންގެ ކުލަބަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 30 ޕޮއިންޓް ހޯދި އަހުމަދު އައުޝަމް އެވެ.
މުބާރާތުގެ ފައިނަލް ކުޅެނީ ތިން މެޗު ކުޅެ ދެ މެޗުން މޮޅުވާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ އުސޫލުންނެވެ. އެހެން ކަމުން މުބާރާތުގައި އާރުއެލްސީ އިން ކުޅުނު ފުރަތަމަ މެޗު ވެސް ވާނީ ކާމިޔާބުކޮށްފަ އެވެ. އަދި ރޭގެ މެޗުން އާރުއެލްސީ މޮޅުވުމުން އެޓީމަށް ވަނީ މިމުބާރާތުގެ ތަށި ލިބިފަ އެވެ. މިއީ މިމުބާރާތުގެ ތަށި އާރުއެލްސީއަށް ލިބުނު ތިން ވަނަ ފަހަރެވެ.
ފައިނަލް މެޗުގެ ޗެމްޕިއަންކަން ހޯދި އާރްއެލްސީ އާއި ރަނަރަޕްކަން ހޯދި ޑީއެސްސީގެ ޓީމަށް ތައްޓާއި މެޑެލި ހަވާލުކޮށްދެއްވީ މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމެވެ.