މޮސްކޯ (ޑިސެމްބަރު 30): ރަޝިޔާގެ ދެކުނުގެ ކަވްކަސް ސަރަހައްދުގެ ރަށެއް ކަމަށްވާ ވޮލްގޮގްރޭޑްގެ ރޭލު ސްޓޭޝަނަކަށް އަންހެނަކު އަމިއްލައަށް މަރުވެގެން އިއްޔެ ދިން ހަމަލާ ތަހްގީގުކޮށް އެ ޙަމަލާގެ ފަހަތުގައިވާ ފަރާތްތައް ހޯދައި އެމީހުން ޢަދާލަތަށް ހާޒިރުކުރުމަށް ރައީސް ވްލަޑިމޭރު ޕޫޓިން އެގައުމުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިންނަށް އަމުރު ކުރައްވައިފި އެވެ.

ޕޫޓިންގެ ޕްރެސް ސެކްރެޓަރީ ޑިމިޓްރީ ބިސްކޯފް ވިދާޅުވީ ވޮލްގޮގްރޭޑްގެ ރޭލު ސްޓޭޝަނަށް ދީފައި ވަނީ ނުރައްކާތެރި ޓެރަރިސްޓް ޙަމަލާއެއް ކަމަށާއި އެ ހަމަލާ ތަހްގީގުކޮށް އެކަމުގެ ސަބަބުތައް ހޯދައި އެކަމުގެ ފަހަތުގައިވާ ފަރާތްތައް އަދާލަތަށް ހާޒިރުކުރުމަށް ރައީސް ވްލަޑިމޭރު ޕޫޓިން ރަޝިޔާގެ ސަލާމަތީ ބާރުތަކުގެ އިތުރުން ކަމާ ބެހޭ އެހެން އިދާރާތަކުގެ އިސްވެރިންނަށް އަމުރު ކުރައްވާފައިވާ ކަމުގަ އެވެ. ރަޝިޔާގެ ދެކުނުގެ ރަށެއް ކަމަށްވާ ވޮލްގޮގްރޭޑްގެ ރޭލު ސްޓޭޝަނަކަށް އަމާޒުކޮށް އަންހެނަކު އަމިއްލަ އަށް މަރުވެގެން އިއްޔެ ދިން ހަމަލާގައި 18 މީހުން މަރުވެ އިތުރު 27 މީހުން ޒަޚަމްވެފައިވާ ކަމަށް އެގައުމުގެ ސަލާމަތީ ބާރުތަކާ ސިއްޙަތާ ބެހޭ ދާއިރާތަކުން ބުނެ އެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެ އެވެ. ނަމަވެސް މިއީ ރަޝިޔާގެ ހަމަނުޖެހުންބޮޑު ސަރަހައްދެއް ކަމަށްވާ ކަވްކަސްގެ ހަނގުރާމަވެރިންގެ ޢަމަލެއް ކަމަށް އެގައުމުގެ އަމަނާބެހޭ ފަރާތްތަކުން ވަނީ ޝައްކުކޮށްފަ އެވެ. ކަވްކަސްގެ ސަރަހައްދަކީ ރަޝިޔާގެ އިއްތިޙާދުން ވަކިވެގަތުމަށް މަސައްކަތްކުރާ ހނަގުރާމަވެރިން އެންމެ ގިނަ ސަރަހައްދެވެ.

ރަޝިޔާގެ ވޮލްގޮގްރޭޑްގައި މިދިޔަ އޮކްޓޯބަރު މަހު ވެސް ބޮމުގެ ހަމަލާއެއްދީ ހަ މީހުން މަރާލާފައިވެ އެވެ. އިއްޔެގެ ޙަމަލާއާ ގުޅިގެން ރައީސް ވްލަޑިމޭރު ޕޫޓިން ވަނީ ރަޝިޔާގެ އިއްތީޙާދުން ވަކިވެގަތުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވާ ފަރާތްތަކާއި ވަކިވެގަތުމުގެ ފިކުރު ގެންގުޅޭ ފަރާތްތައް ހައްޔަރު ކުރުމަށް ގޮވާލާ ގާނޫނެއް ތަސްދީގު ކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)