ރިޔާޒް (ޑިސެމްބަރު 30): ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދް، ރިޔާޒްގައި ސައޫދީ ރަސްގެފާނު ޢަބްދުﷲ އާ ބައްދަލުކުރައްވައި ދެގައުމުގެ ގުޅުންތައް ހަރުދަނާކުރުމާ ބެހޭ ގޮތުންނާ އަދި ބައިނަލްއަޤްވާމީ އަދި ސަރަހައްދީ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިޔާ އަށް ވަޑައިގެންއުޅުއްވާ އޮލާންދް އާ ސައޫދީ ރަސްގެފާނު ޢަބްދުﷲގެ މަޝްވަރާތައް ކުރިޔަށްދިޔައީ ރިޔާޒްގައި ހުންނަ ޢަބްދުﷲ ރަސްގެފާނުގެ ގަނޑުވަރެއްކަމަށްވާ "ރަވްޟަތު ޚަރީމް"ގައި ކަމަށް ސަޢޫދީ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެ އެވެ. މިމަޝްވަރާތަކުގައި ދެބޭފުޅުން އެންމެބޮޑަށް އިސްކަންދެއްވީ ސޫރިޔާގެ މައްސަލަ އާއި އީރާނުގެ ނިއުކްލިޔާ މައްސަލައަށް ކަމަށް މިގޮތުން ސޫރިޔާގެ ދާޚިލީ ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެގޮތްތަކާ ބެހޭ ގޮތުންނާއި ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީފޯރުކޮށްދިނުމާ ބެހޭ ގޮތުން ފުޅާދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށްވެ އެވެ.

އީރާނުގެ ނިއުކްލިޔާ މައްސަލާއާބެހޭ ގޮތުން ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ފުރްސަތު އީރާނަށް ނުލިބޭގޮތަށް އީރާނުގެ ނިއުކްލިޔާ މައްސަލައަށް ގެނެވޭ ސުލްޙަވެރި ކޮންމެ ޙައްލަކަށް ސައޫދީ އަރަބިޔާ ތާއީދުކުރާނެ ކަން ޢަބްދުﷲ ރަސްގެފާނު ފަރަންސޭސި ރައީސް އޮލާންދަށް ހާމަކޮށްދެއްވިކަމަށް ޚަބަރުތައް ބުނެ އެވެ.
އީރާން އެކަހެރިކޮށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ސައޫދީ އަރަބިޔާއަކީ ހުޅަނގުގެ ބައިވެރިއެކެވެ. ސަޢޫދީ އަރަބިޔާގެ މަސްއޫލުވެރިން ވަނީ ހުޅަނގުން އީރާނަށް މާބޮޑަށް ދޫތައް ދެމުންގެންދާކަމަށް ބުނެ އަދި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް ޓަކައި ހުޅަނގުން ބާރުގެ ބޭނުން ކުރުމަށްފަސްޖެހޭތީ ހުޅަނގަށް ފާޑުވިދާޅުވެ ނުރުހުމުގެ ޢިބާރާތްތަކުން ބަޔާންތައް ދެއްވާފަ އެވެ. ނަމަވެސް ސައޫދީންގެ ތާއީދާ އެކު ހުޅަނގުން ބާރުގެ ބޭނުންކޮށްގެން ވެރިކަމުގެ ނިޒާމް ވައްޓާލި ޢިރާޤުގެ ޙާލަތު ވަނީ ސައްދާމުގެ ދުވަސްވަރަށް ވުރެ އެތައް ގުނައެއް ގޯސްވެ މުޅި ގައުމު ފަނާވެގެން ގޮސްފަ އެވެ.

އޮލާންދްގެ މި ދަތުރުފުޅަކީ 2012 ވަނަ އަހަރު ފަރަންސޭސިވިލާތުގެ ރައީސްކަމާ އޭނާ ޙަވާލުވަޑައިގަތުމަށް ފަހު ސައޫދީ އަރަބިޔާ އަށް ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅެވެ. ސޫރިޔާގެ މައްސަލައާއި އީރާނުގެ ނިއުކްލިޔަރ މައްސަލައާއި އިސްރާއީލާއި ފަލަސްތީނުގެ މައްސަލައާއި ލުބްނާނުގެ މައްސަލައިގެ އިތުރުން ސައޫދީ އަރަބިޔާއާއި ފަރަންސޭސިވިލާތާ ދެމެދު އިޤްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން ވެސް ފަރަންސޭސި ރައީސާއި ސައޫދީ ރަސްގެފާނު ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރެއްވި ކަމަށްވެ އެވެ.

މިމަޝްވަރާތަކުގެ އަލީގައި ދެގައުމުގެ ދެމެދުގައި އިޤްތިސާދީ އަދި ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ސައޫދީ އަރަބިޔާއަކީ ހުޅަނގަށް ބަރޯސާވުމުގެ ސިޔާސަތެއް ގެންގުޅޭ ވިރާސީ ރަސްކަމެއް އޮންނަ ގައުމެކެވެ. (ނޫސްއެޖެންސީތައް)