އެކުވެރިޔަކަށް ދިމާވި ހާދިސާއެކެވެ. މީގެ ހަފްތާއެއްގެ ކުރިން އޭނާއަށް އަންހެނަކު ފޯނުކުރި އެވެ. އެ އަންހެން މީހާ އެދުނީ ރަހުމަތްތެރިޔާގެ އޮފީހުގެ ހިދުމަތަކަށެވެ. ދެން ދިނީ ކޮފީއަކުން ދިމާވުމުގެ ދައުވަތެވެ. އޭނާ އެ އަންހެން މީހާއާއެ އެކު ކޮފީއަކަށް ދިޔައެވެ. އެ ދުވަހު އެ އަންހެން މީހާ އަނެއްކާ ވެސް އެކުވެރިޔާއަށް ދައުވަތު ދިނެވެ. އެއީ އެ އަންހެން މީހާގެ ކޮޓަރިއަށް އައުމުގެ ދައުވަތެވެ. އެކުވެރިޔާ އެރޭ އެކޮޓަރިއަށް ވެސް ދިޔަ އެވެ. އޭނާއަށް ދިމާވި ކަންކަން އަހެރެންނަށް ކިޔައިދިނެވެ. ހިތާމަހުއްޓެވެ. ހާލަތާމެދު ލަދުގަނެއްޖެ އެވެ.

އެކުވެރިޔާ އެ އަންހެން މީހާގެ ކޮޓަރިއަށް ދިޔައިރު އެ ކޮޓަރީގައި ތިބީ އެ އަންހެން މީހާ އާއި އޭނާގެ ދޮޅު އަހަރުގެ އަންހެން ދަރިފުޅެވެ. ކޮޓަރިއަށް ވަނުމާ އެކު އެ އަންހެން މީހާ ކޮޓަރި ތަޅުލި ކަމަށްވެ އެވެ. އެ އަށް ފަހު އެކުވެރިޔާ އާއި ގާތްގޯޅިވާން މަސައްކަތް ކުރި ކަމަށް އެކުވެރިޔާ ބުންޏެވެ. އެކުވެރިޔާ ކިޔައިދިން ގޮތުގައި އަންހެން މީހާ އޭނާ ކައިރި ބުނީ "ހިދުމަތަށް އަގު ދޭންޖެހޭނެ" ކަމަށެވެ. "500ރ. ދިނުމުން ބޭނުން ކޮންމެ ކަމެއް ވާނެ" ކަމަށް އެ އަންހެން މީހާ ބުނި ކަމަށް އެކުވެރިޔާ ބުންޏެވެ. "އެކަމަކު މަގޮލާ އެ ކަމެއް ނުކުރަން މަ ބިރުން އައީ" އަހަރެންގެ އެކުވެރިޔާ ކިޔައިދިނެވެ.

އެއީ އޭނާގެ ބަހެވެ. އެ ދެ މީހުންގެ ދެމެދުގައި ކަމެއް ހިނގި ކަމެއް ނުހިނގާ ކަމެއް ވެސް އަހަރެންނަކަށް ނޭނގެ އެވެ.

އެކުވެރިޔާގެ ވާހަކަތައް ސުރުހީއަށް ގެނައުމަށް އަމާޒު ހިފީމެވެ. އޭނާގެ ވާހަކަތައް ޔަގީން ކުރަން އެ އަންހެން މީހާއަށް އަހަރެން ގުޅީމެވެ. މާ ގިނަ ވާހަކައެއް ދައްކާކަށް ނުޖެހުނެވެ. "ކަން ބޭނުމިއްޔާ އަގު ދިނީމަ ވާނެ" ކަމަށް އަންހެން މީހާ ބުންޏެވެ. އަހަރެންނަށް ވެސް ހަމަ އެކޮޓަރިއަށް ދައުވަތު ދިނެވެ. އެތަނަކަށް ދާކަށް އަހަރެނެއް ގަސްތެއް ނުކުރަމެވެ. އަންހެން މީހާގެ ވާހަކަތަކުން އަހަރެން ހޯދަން ބޭނުންވި ކަންކަން ޔަގީން ކުރެވުނެވެ. ކޮންމެ އުމުރެއްވިޔަސް ކޮންމެ ގައުމެއްވިޔަސް ކޮންމެ ސިފައެއްގައި ހުއްޓަސް ފައިސާ ދެންޔާ އޭނާ ހުރީ އެހުތުރު އަމަލު ހިންގައިދޭގޮތަށެވެ. ބިރެއް ލަދެއް ނެތި އެވެ.

މިއީ މާ އާ ވާހަކަތަކަކަށް ނުވެދާނެ އެވެ. ނޫނީ އެންމެނަށް އެނގޭ ނަމަވެސް ބޮޑު ސިއްރަކަށް ވެސް ވެދާނެ އެވެ. އާންމުކޮށް ދެކެވެނީ ލޯބިވެރިން ކަމަށް ބުނާ މީހުން ކައިވެނިން ބޭރުގައި ބަދުއަހުލާގީ އަމަލުތައް ހިންގާ ވާހަކަ އެވެ. ހަށިއްވިއްކައޭ ބުނެފިއްޔާ ހައްތަހާ ވެސް ހިތަށް އަންނާނީ އެއީ މަސާޖުޕާލާތަކުގައި ކުރާ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް އަދުގެ ހަގީގަތް ވަރަށް ތަފާތެވެ. ކުލީ ކޮޓަރިތަކާއި މީހުން ދިރިއުޅޭ ގޭތަކުން ފެށިގެން ހިތް ފަސޭހަ މައިދާންތަކުގައި ވެސް ހަށިވިއްކުމުގެ ހުތުރު އަމަލުތައް ހިންގުން ވަނީ އާންމުކަމަކަށް ވެފަ އެވެ. އެއީ ހަމައެކަނި އަންހެނުން ކުރާ ކަމަކަށް ހަދައިގެން ތިބެވޭކަށް ވެސް ނެތެވެ. ޒުވާން ނުވަތަ "ސުމާޓް" ކަމަށް ބުނާ ފިރިހެނުން ވެސް ފައިސާ ހޯދުމަށް ހަށި ވިއްކާ ކަމަށް ވާހަކަދެކެވެ އެވެ. އެ އަމަލުތައް ހުތުރު ކަމުން ގިނަ ވާހަކަތަކަކީ ލިޔެވޭނެ ވެސް ވާހަކަތަކެއް ނޫނެވެ.

"ހަށިވިއްކާ ތަންތަން ހުރުމަކީ ހަގީގަތެއް މީ، އަޅުގަނޑުމެންގެ ރާއްޖޭގައި ހަމަ ހިނގަމުންދާ ކަމެއް. މިކަން ހުއްޓުވަން ސަރުކާރުގެ ދާއިރާތަކުން ވެސް ދަނީ ހަމަ މަސައްކަތް ކުރަމުން. ފުލުހުން މި އަހަރު ތެރޭގައި ވެސް ވަނީ އެތައް ތަނެއް ބަންދު ވެސްކޮށްފައި. އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ މިތަންތަން އެ ހުންނަނީ، އެ ހިނގަނީ އެ ހިދުމަތް ހޯދަން ބޭނުންވާ ބަޔަކު ތިބޭތީއޭ،" ހެލްތު މިނިސްޓާގެ މަގާމްގައި ޑރ. ޖަމްޝީދު ހުންވިއިރު އޭނާ ވިދާޅުވެފައިވެ އެވެ.

ތަފާތު ފަރާތްތަކާއި ވާހަކަ ދައްކާ އެތައް މަސައްކަތްކަތަކުން އަހަރެނަށް ފެނުނު ބޮޑު މަންޒަރު ސިފަކޮށްލާނަމެވެ. އަންހެނުން އެމީހުންގެ އަންހެން ވަންތަކަމުގެ ބޭނުން ނަހަމަގޮތުގައި ހިފައި އެއީ އަގަށް ވިއްކާ އެއްޗެއް ކަމަށް ހަދަމުން ދަނީ ތަފާތު އެކި ގޮތްގޮތަށެވެ. އެއްބަޔަކު ނަގުދު ފައިސާއަށް އެކަން ކޮށްދޭއިރު އަނެއް ބަޔަކު ދަނީ ރިސޯޓްތަކުގެ އަރާމާއި ރާއްޖެއިން ބޭރުގެ ދަތުރުތައް ފަދަ އުފާތަކަށް ނަފްސު ވިއްކަމުންނެވެ. ކޮފީއަކަށް ނުވަތަ މީރު ފަރިއްކޮޅަކަށް ވެސް އެކަން ކޮށްދޭ ކަމަށް ވެސްވެ އެވެ. ގޮތް ނޭނގޭ މީހެއްގެ އެންމެ ކޯލަކަށް އެ މީހާގެ އުނގު ތެރެއަށް ވެއްޓިގަނެ އެވެ. ބިދޭސީންނަށް ވެސް ފައިސާ އަށް ހަށިވިއްކާ ކަމަށް ބުނެއެވެ. ބުނިހާ ތަނަކަށް ދާކަމަށްވެ އެވެ. ބުނިހާ ކަމެއް ކޮށްދޭކަމަށްވެ އެވެ. އެންމެ ބޭނުމަކަށެވެ. އެއީ ދުނިޔެއަށްޓަކައި ފައިސާ އަށެވެ. އެކަމުގައި އެކި އުމުރުފުރާގެ ކުދިން ހަރަކާތްތެރިވާއިރު "އެކަނިވެރި މައިން" ވެސް އެކަމުގެ އިސްސަފުގައި ހަރަކާތްތެރިވާކަމަށްވެ އެވެ. އަތޮޅުތެރޭ ރަށްރަށުގައި ވެސް އެފަދަ އަންހެން ވެރިން ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ކަމަށް އެތައް މަސްދަރަކުން ކަށަވަރުވެ އެވެ. ފައިސާގެ ބޭނުމުގައި ޒުވާން ފިރިހެން ވެރިން އުމުރުން ހަރު އަންހެން ވެރިންނަށް ވެސް އެ ހުތުރު ހިދުމަތްދޭ ކަމުގެ ވާހަކައަކީ ވެސް ޔަގީނާއި ގާތަށް އެނގޭ ކަންކަމެވެ. ތަފްސީލަކަށް ދާކަށް ނެތީމެވެ. ޔަގީން ވާ ކަމީ ހަށި ވިއްކުމުގެ ހުތުރު އަމަލު ފާޅުގައި ހިންގާ ކަމެވެ.

ދެން އޮތީ އަނެއް ވާހަކައެވެ. ހަށި ވިއްކުން އާންމުކަން އެންމެނަށް އެނގެ އެވެ. އެހާކަންކުރާ ހުތުރު ކަސްބީއިން އިތުރުކަން ވެސް އެނގެ އެވެ. ހިދުމަތް ހޯދަން ދާ މީހުން ވެސް އުޅެ އެވެ. މިހުރިހާ ކަމެއް މިހެން ހުރިއިރު އެ ކަމުގެ ސަބަބުން ދިމާވާ ބަލި މަޑުކަން ވެސް އޮތީ އިންތިހާ ދަރަޖާގަ އެވެ. އެއިޑްސް ފަދަ ޝިފާއެއް ނެތް ބަލިތަކަކީ ބޮޑު ބިރެކެވެ.

ހަށި ވިއްކުން އިތުރުވުމުގެ ސަބަބުން އެއިޑްސް ފެތުރުމަށް މަގުފަހިވާ ކަން ފާހަގަވެ އެވެ. އެގޮތުން 2008 ވަނަ އަހަރު ހަށިވިއްކާ ތަނަކުން އަތުލައިގަތް އަންހެނެއްގެ ގައިން އެޗްއައިވީ އެއިޑްސް ހުރިކަން އެނގިފައިވެ އެވެ. އޭނާ އޭރު ރާއްޖެ އިން ޑީޕޯޓް ކުރިއެވެ. ނަމަވެސް 2009 ވަނަ އަހަރު ހަމަ އެމީހާ ރާއްޖޭގެ އެހެން ހަށިވިއްކާ ތަނަކުން އަތުލައި ގަތެވެ. އަދި މިދިޔަ އަހަރުވެސް ވަނީ އެޗްއައިވީ އެއިޑްސް ހުރި ބިދޭސީ އަންހެނަކު ހަށި ވިއްކަމުން ދަނިކޮށް އަތުލައިގަތްފަ އެވެ. އެއިޑްސް އަކީ ގައިގަޔަށް އަރާ ބައްޔަކަށްވުމާއި ހަށިވިއްކުން ރާއްޖޭގައި އާންމުވެފައި ވާތީ އެއިޑްސް ފަދަ ބައްޔެއް އާންމުވުމުގެ ފުރުސަތު ވަރަށް ވެސް ބޮޑެވެ.

"ފަހަރުގައި ހީވެދާނެ ތިމަންނައަކަށް އެބަލި ޖެހުމުގެ ފުރަސަތެއް ނެތޭ، އެމީހަކު ކަމެއް ކުރާ ގޮތެއްގެ ސަބަބުން، އެކަމަކު އެއީ އެއްވެސް އިތުބާރެއް އޮންނަ ކަމެއް ނޫން. އެހެން ވީމާ އަޅުގަނޑުމެން އެހެންވީމާ އަޅުގަނޑުމެން ދިވެހިން އެންމެން ވެސް މިއަދު މިކަމާ ވަރަށް ބޮޑަށް ހޭލަން އެބަ ޖެހޭ. މިއީ ވަރަށް ބޮޑު ނުރައްކަލެއް އޮތް ކަމެއް ކަން،" ޑރ. ޖަމްޝީދު ވިދާޅުވި އެވެ.

މިދިޔަ އަހަރު ކުރެވިފައިވާ ދިރާސާއަކަށް ދައްކާގޮތުގައި ރާއްޖޭގައި އެޗްއައިވީ އެއިޑްސް އާއި ސިފިލިސް އާއި ގޮނޯރިއާގެ އިތުރުން ޖިންސީ ގުޅުމުން އަރާ ގްރަމޭޑިއާ ފަދަ ބަލިތައް ދަނީ ފެންނަމުންނެވެ. ޚާއްސަކޮށް ގޮނޯރިއާ ފެންނަ މިންވަރު އިތުރު ވަމުން އަންނަ ކަމަށް ސިއްހީ އިދާރާތަކުން ދަނީ ބުނަމުންނެވެ. އެފަދަ ބަލިތަކުގެ ސަބަބުން ޖިންސީ ގުނަވަންތަކަށް އެކިއެކި ބޮޑެތި ބަލިތައް ޖެހުމާއި ގައިގެ އެކިތަންތަން ދޮސްލައި ހަލާކުވުން ފަދަ ކަންކަން ހިމެނެ އެވެ. ދަރިން ލިބުމަށް ދަތިވުމާއި ލިބޭ ދަރިންގެ ނުކުޅެދޭ އަސަރުތައް ފެނުން ފަދަ ކަންކަމީވެސް ޖިންސީ ބަލިތަކުގެ ސަބަބުން ދިމާވާ ކަންކަމެވެ.

ފުލުހުންގެ ތަފާސް ހިސާބްތަކަށް ބަލާއިރު މިދިޔަ އަހަރު ވެސް ވަނީ ހަށިވިއްކަމުން ދިޔަ 25 ތަނެއް ބަންދުކޮށްފަ އެވެ. މިއަހަރު މިހާތަނަށް 569 ބަދުއަލުހާލީ އަމަލު ހިންގުމުގެ މައްސަލަ ވަނީ ފުލުހުންނަށް ހުށައަޅާފަ އެވެ. ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ހަށި ވިއްކާ މައްސަލަތަކުގެ ތެރެއިން ފުލުހުނަށް ހުށައަޅާ މައްސަލަތަކުގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސަށް ލިބޭ މައުލޫމާތްތަކާ އެކު އެފަދަ އަމަލުތައް ހުއްޓުވުމަށް ފުލުހުން ދަނީ ހަރަކާތް ތެރިވަމުންނެވެ. އެގޮތުން އަތޮޅު ތެރޭގައި ވެސް އެގޮތަށް ފުލުހުން ހަރަކާތްތެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭ ގައުމުގައި ކައިވެނިން ބޭރުން ހިންގާ ހުތުރު ބަދުއަހުލާގީ އަމަލުތައް އާންމުވެފައިވާކަމީ ހިތާމާގެ ކޮޅެއް ވެސް ނެތް ވަރުގެ ކަންކަމެވެ. މާތް ﷲ އެންމެ ބޮޑަށް ނަހީކޮށްފައިވާ ޒިނޭ ފަދަ އަމަލުތައް ބިރަކާއި ނުލާ ހިންގަމުން ދަނީއެވެ. މިއީ މިގައުމުގެ މުސްތަގުބަލަށް ހުރި ބޮޑު ބިރެކެވެ. ފާހިޝް އަމަލު ގިނަވެ އޮތް މުޖުތަމައުއެއް ކުރިއަރާނެ ގޮތެއް ނެތެވެ. އެފަދަ ކަންކަމުން މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި ބެލެނިވެރިންނަކީ ހަމައެކަނި ނަމެއްގައި ތިބި ބަޔަކަށް ނުވެ ޒިންމާދާރު ބަޔަކަށް ވާން މަޖުބޫރު ވެއްޖެ އެވެ. ތައުލީމަކީ ލިޔަން ކިޔަން ދަސްކޮށްދޭ އެއްޗަކަށް ވުމުގެ ބަދަލުގައި ދެ ދުނިޔެ ބާޖަވެރިކޮށްދޭނެ އިލެމެއް އެނގޭނެ އެއްޗަކަށް ހަދައި ތައުލީމީ ދާއިރާ ހަރުދަނާ ކުރަންޖެހެ އެވެ.

އާންމުވެފައި ވަނީ ލަތުވެތި ކަމެކެވެ. ބަލިމަޑު ކަމެވެ. ގޯސް ކަމެއްކަން އެނގުނަސް އެންމެނަށް އެކަން އެނގި ހުއްދަ ކަމަކަށް މިއަދު ވެއްޖެ އެވެ. މަދު ބައެއްގެ އަމަލުތަކުން ދީނުގެ ހާއިނުންނަށް ވެއްޖެ ކަހަލަ އެވެ. ދުނިޔެ ބަވަނަޔަވިޔަސް އިސްލާމުން ހުއްދަ ނޫން ކަމެއް، ހަލާލެއް ނުވާނެ އެވެ. ލަދެއް ބިރެއް ނެތި ފާޅުގައި ކުރާ ކަންތައްތައް ހުއްޓުވަންޖެ އެވެ. އެކަން ކުރަން ވެސް ތިބީ ހަމަ އަޅުގަނޑުމެންނެވެ. އެނގޭ އެއްޗަކީ ހަމަ ހަށި ވިއްކުން އާންމު ކަމެވެ.