އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު ފޯރިގަދަ މެޗު ފެށުނު ތަނާ ޗެލްސީ ކޮޅަށް ލަނޑެއް ކާމިޔާބުކޮށް ލިވަޕޫލް މެޗުގެ ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި 2-1 އިން ޗެލްސީ މޮޅުވެއްޖެ އެވެ.

މެޗުގެ ތިންވަނަ މިނިޓްގައި ލިވަޕޫލަށް ޗެލްސީގެ ގޯލް ހުޅުވާލަދިނީ އެޓީމުގެ ސްލޮވާކިއާ ޑިފެންޑަރު މާޓިން ސްކާޓެލް އެވެ. އެހެން ނަމަވެސް ވަރުގަދަ ކުޅުމެއް ކުޅެމުން ގެންދިޔަ ޗެލްސީއަށް މެޗުގެ 17 ވަނަ މިނިޓުގައި ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު އެޑިން ހަޒާޑް އެވެ. އަދި ޗެލްސީއަށް މެޗުގެ ނަތީޖާ ފުޅާކޮށްދިނީ 34 ވަނަ މިނިޓުގައި އެޓީމުގެ ކެމަރޫން ފޯވާޑް ސަމުއެލް އެޓޫ އެވެ.

މި ނަތީޖާއާ އެކު ޗެލްސީ މިހާރު އޮތީ 40 ޕޮއިންޓާއެކު ލީގު ތާވަލުގެ ތިން ވަނައިގަ އެވެ. އަދި 36 ޕޮއިންޓާއެކު ލިވަޕޫލް ތާވަލުގެ ފަސް ވަނައަށް ވެއްޓިފައިވާއިރު ތާވަލުގެ ކުރީގައި 42 ޕޮއިންޓާއެކު އޮތީ އާސެނަލް އެވެ. ދެވަނައިގައި އޮތް ސިޓީއަށް ލިބިފައިވަނީ 41 ޕޮއިންޓެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗަށް ފަހު ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ އޭނާގެ ކުޅުންތެރިންގެ ފަރާތުން މިރޭ ފެނިގެން ދިޔައީ މި ސީޒަންގައި މިހާތަނަށް އެޓީމުން ނުފެންނަ ވަރުގެ ވަރުގަދަ ކުޅުމެއް ކަމަށެވެ.

"ކުޅުންތެރިން ފެނިގެން ދިޔައީ ވަރަށް ވަރުގަދަކޮށް. މެޗުގެ އެންމެ ފަހު ސިކުންތާ ޖެހެންދެން ހުރިހާ ކުޅުންތެރިން ވެސް ވަރަށް ހިތްވަރުކުރި،" މޮރީނިއޯ ބުންޏެވެ.