ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި އެޓީމު 1-0 އިން ބަލިކޮށް އާސެނަލް އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނަ މަގާމް އަލުން ހޯދައިފި އެވެ.

ހޮނިހިރު ދުވަހު ކްރިސްޓަލް ޕެލަސް އަތުން މޮޅުވެ 41 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ ތާވަލުގެ ކުރި ހޯދި ނަމަވެސް، މިރޭ ނިއުކާސަލް އަތުން މޮޅުވުމުން އާސެނަލް އަށް ވަނީ 42 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ލިބިފަ އެވެ.

ފުރަތަމަ ހާފުގައި އާސެނަލް އިން ލަނޑުޖަހާނޭ ގިނަ ފުރުސަތުތަކެއް އުފެއްދި ނަމަވެސް ފުރަތަމަ 45 މިނިޓްގެ ކުޅުން ނިމިގެން ދިޔައީ އެޓީމަށް ނިއުކާސަލްގެ ގޯލް ހުޅުވައި ނުލެވި އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނިއުކާސަލްގެ މޫސާ ސިސޯކޯ އާސެނަލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިއިރު އެޓީމުގެ މަތިއު ޑިބޫޗީ ބޮލުން ފޮނުވާލި ނުރައްކާތެރި ބޯޅަ އަމާޒުވީ އާސެނަލް ގޯލްގެ ހުރަސް ދަނޑިއަށެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 65 ވަނަ މިނިޓުގައި އާސެނަލްއަށް ކާމިޔާބުކޮށްދިނީ ތިއޯ ވޮލްކަޓް ފޮނުވާލި ހިލޭ ޖެހުމެއް އޭރިޔާތެރެއިން އޮލިވިއާ ޖިރޫ ބޮލުންޖަހައި ނިއުކާސަލްގެ ގޯލަށް ފޮނުވައިލައިގެންނެވެ.

މި ނަތީޖާއާ އެކު އާ އަހަރު ފެށޭއިރު ޕޮއިންޓެއްގެ ތަފާތުން ސިޓީމައްޗަށް ކުރިހޯދައިގެން ތާވަލުގެ ކުރީގައި އޮންނާނީ އާސެނަލް އެވެ. މިއީ 08-2007 ސީޒަންގެ ފަހުން އާއަހަރު ފެށޭއިރު އާސެނަލްއަށް ތާވަލުގެ ކުރީގައި އޮތުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.