ސާކު ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުން އަންނަ ފެބްރުއަރީ މަހު ރާއްޖޭގައި ބާއްވަން ހަމަޖައްސައިފި އެވެ.

ސާކު އަށް ގައުމުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ފެބްރުއަރީ 17-20 އަށެވެ،

ނޭޕާލުގެ ދަ ހިމާލިޔަން ނޫހުގައި ބުނެފައި ވަނީ ސާކުގެ އަށް ގައުމު ކަމަށްވާ، ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި އަފްގާނިސްތާންގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ނޭޕާލުން ވެސް ބައިވެރިވާން ނިންމާފައިވާ ކަމަށެވެ.

އެ ނޫހުގައި ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވުމާ ގުޅިގެން ސާކުގެ މިނިސްޓަރުންގެ ބައްދަލުވުންތަކެއް ފަސްކުރަން ޖެހުނު ކަމަށެވެ. އެގޮތުން ސާކުގެ އިންޓަ ސަމިޓާއި ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުން ފާއިތުވި ދެ އަހަރު ބޭއްވިފައިނުވާކަން ހިމާލިޔަންގައި ފާހަގަކޮށްފައިވެ އެވެ.

އެ ނޫހުގައި ބުނެފައި ވަނީ ކުރިޔަށް އޮތް ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުމުގައި ދެން ސާކް ސަމިޓް ބާއްވާނެ ދުވަހަކާއި ތަނެއް އަދި ތީމް ވެސް ކަނޑައަޅާނެ ކަމަށެވެ.

އެންމެ ފަހުން ރާއްޖޭގައި ސާކް ސަމިޓް ބޭއްވި އިރު ނޭޕާލުން ވަނީ އެ ގައުމުގައި ސަމިޓް ބާއްވަން ހުށަހަޅައިފަ އެވެ.

"ނޭޕާލުން ބޭނުން ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު ނުވަތަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ސަމިޓް ބާއްވަން،" ނޭޕާލް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.