މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބިލު މަޖިލީހުން ފާސްކުރުމަކީ ކޮރަޕްޝަން ނައްތާލުމަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑްވިސް އިން ބުނެފި އެވެ.

މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން މިއަދު ފާސްކުރި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ބިލާއި ބެހޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ވަނީ އެ ބިލް އަވަހަށް ތަސްދީގުކުރެއްވުމަށާއި އެ ގާނޫނު ތަންފީޒް ކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.

"މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ބިލު މިއަދު ފާސްކޮށްދިނުމަކީ ދިވެހި ދައުލަތުގެ އެކި ދާއިރާތަކުގެ ހާމަކަން އަށަގެންނެވުމަށާއި ރައްޔިތުންގެ މަންދޫބުންނަށާއި ދައުލަތުގެ އެކި ފަރާތްތަކަށް ޖަވަބުދަރީކުރުވުމަށާއި ކޮރަޕްޝަން ނައްތާލުމަށް ލިބުނު އިތުރު ކުރިއެރުމެއްކަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ދެކެވެ." އެ ޖަމިއްޔާގެ ބަޔާނުގައިވެ އެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ބިލް މަޖިލީހުން މިއަދު ފާސްކުރީ މަޖިލީހަށް އެ ބިލް ހުށަހެޅިތާ ހަތަރު އަހަރުފަހުންނެވެ.