މޮސްކޯ (ޑިސެމްބަރު 29): ރަޝިޔާގެ ދެކުނުގެ ކަވްކަސް ސަރަހައްދުގެ ރަށެއް ކަމަށްވާ ވޮލްގްރާޑްގެ ރޭލް ސްޓޭޝަންގައި ގޮވާތަކެތި ހަށިގަނޑުގައި ހަރުކޮށްގެން ހުރި އަންހެނަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި 10 މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވެއްޖެ އެވެ.

މިކަން ހާމަކުރަމުން ޓެރަރިޒަމާ ދެކޮޅަށް ހަރަކާތްތެރިވާ ރަޝިޔާގެ ޚާއްސަ ކޮމިޓީން ބުނީ "ހަށިގަނޑުގައި ގޮވާތަކެތީގެ ބެލްޓެއް ހަރުކޮށްގެންހުރި އަންހެނަކު އަމިއްލައަށް މަރުވެގެން މިއަދު މެންދުރު 12:45ގައި ދިން ހަމަލާއެއްގައި 10 މީހުން މަރުވެ 6 މީހުން ޒަޚަމްވެފައިވާ" ކަމުގަ އެވެ. ރަޝިޔާގެ ދާޚިލީ ވުޒާރާއިން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

ރަޝިޔާގެ ދާޚިލީ ވުޒާރާގެ ތަރްޖަމާނާ ސިވިތްލާނާ ސުމޯލިޔާ ވިދާޅުވީ ވޮލްގްރާޑްގެ ރޭލް ސްޓޭޝަންގައި އަމިއްލައަށް މަރުވެގެން ޙަމަލާދީފައި ވަނީ ޒުވާން އަންހެނެއްކަން ކަށަވަރުވާ ކަމަށާއި މިހަމަލާ ތަހްގީގް ކުރަމުންގެންދާކަމުގަ އެވެ. މިޙަމަލާގައި ޒަޚަމްވި ބައެއް މީހުންގެ ޙާލުބޮޑުކަމުން މިޙަމަލާގައި މަރުވި މީހުންގެ އަދަދު މައްޗަށް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެސަރަހައްދުގެ ސިއްޙަތާ ބެހޭ މަސްއޫލުވެރިން ހާމަކުރައްވަ އެވެ.

ރަޝިޔާގެ ދެކުނުގެ ކަވްކަސް ސަރަހައްދަކީ އެގައުމުގެ ސަރުކާރަށް ނުކިޔަމަންތެރި ހަނގުރާމަވެރި ޖަމާއަތްތައް ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންދާ ސަރަހައްދެކެވެ. (ނޫސްއެޖެންސީތައް)