ތެހެރާން (ޑިސެމްބަރު 29): އީރާނުގެ ގައުމީ އާމްދަނީގައި ގޭހާއި ތެލަށް ބަރޯސާކުރުން ކުޑަކޮށް ސިނާޢީ އުފެއްދުންތައް އިތުރުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ސަބަބުން ގޭހާއި ތެޔޮނޫން ސިނާޢީ އުފެއްދުންތަކުން ލިބޭއާމްދަނީ މި އަހަރު ވަރަށްބޮޑަށް އިތުރުވެއްޖެކަން އެގައުމުން ހާމަކޮށްފި އެވެ.

އީރާނުގެ ސިނާޢީ އުފެއްދުންތަކާބެހޭ ގޮތުން އެގައުމުގެ ސަރުކާރުން އިއްޔެ ނެރުނު ރިޕޯޓެއްގައި ވާގޮތުން ފާއިތުވި 9 މަސް ދުވަހުގެ ތެރޭގައި އީރާނުން ވަނީ 30 ބިލިޔަން އެމެރިކާ ޑޮލަރުގެ ސިނާޢީ އުފެއްދުންތައް ބޭރުގެ ގައުމުތަކަށް އެކްސްޕޯޓް ކޮށްފައެވެ. މިއީ ފާއިތުވި އަހަރުގެ މިމުއްދަތުގައި އެކްސްޕޯޓްކުރެވުނު ގޭހާއި ތެޔޮނޫން އުފެއްދުންތަކަށްވުރެ 15 އިންސައްތަ އިތުރު މިންވަރެއް ކަމަށްވެސް އެރިޕޯޓް ބުނެ އެވެ.

ގޭހާއި ތެލާގުޅުންނެތް އީރާނުގެ ސިނާޢީ އުފެއްދުތަކުން ފާއިތުވި ނުވަ މަހުގެ ތެރޭގައި ލިބުނު އާމްދަނީ 30 ބިލިޔަން ޑޮލަރަށް އަރާފައިވާ އިރު މިއުފެއްދުންތައް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައި ވަނީ ޗައިނާ، ޔޫއޭއީ، ޢިރާޤު، އަފްޣާނިސްތާން އަދި އިންޑިޔާ އަށެވެ. މިގައުމުތަކަށް އީރާނުން އެކްސްޕޯޓްކުރި ތެޔޮނޫން އުފެއްދުންތަކުގެ ތެރޭގައި ކާރާއި ކާޕެޓާއި ކެމިކަލްގެ ބާވަތްތަކާއި ބައެއް މަޢްދަންތަކާއި ތަރުކާރީ އާއި މޭވާއާއި ނަޓްގެ އިތުރުން ކަރަންޓް ފަދަ ބާވަތްތައް ހިމެނެ އެވެ.
އީރާނުގެ ނިއުކްލިޔާ މައްސަލައާ ގުޅިގެން އެގައުމުގެ ގޭހާއި ތެލުގެ ސިނާއަތާ ދެކޮޅަށް އެމެރިކާ އާއި ޔޫރަޕްގެ އިއްތިޙާދުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެން އީރާނުން ވަނީ ގައުމީ އާމްދަނީގައި ގޭހާއި ތެލަށް ބަރޯސާކުރުން ކުޑަކޮށް ސިނާޢީ އުފެއްދުންތައް އިތުރުކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ތަންފީޒުކުރަން ފަށާފަ އެވެ. މިގޮތުން ގޭހާއި ތެލާގުޅުންނެތް ސިނާޢީ އުފެއްދުންތައްތައް 10 އަހަރު ތެރޭގައި 60 އިންސައްތައަށް އިތުރުކުރުމަށް އީރާނުން ކުރިޔަށްގެންދާ ޕްރޮގްރާމަށް މިހާރު ހަތަރު އަހަރު ވެފައިވާ އިރު އެޕްރޮގްރާމް ކާމިޔާބު ކަމަށް އީރާން ބުނެ އެވެ.

އީރާނުން 2012 ވަނަ އަހަރު ބޭރަށް އެކްސްޕޯޓްކުރި ބާވަތްތަކުގެ 75 އިންސައްތައަކީ ތެލާއި ގޭހާއި ޕެޓްރޯ ކެމިކަލްގެ ބާވަތްތަކެވެ. މިނިސްބަތް 40 އިންސައްތައަށް ކުޑަކޮށް އެހެން އުފެއްދުންތައް 60 އަށް އިތުރުކުރުމަށް އެގައުމުން ވަނީ ނިންމާފަ އެވެ. އީރާނުގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިންގެ ތެރޭގައި ހިމެނެނީ ޗައިނާ، ޖަޕާން، ދެކުނު ކޮރެޔާ، ޔޫއޭއީ އިރާޤް އަދި ތުރުކީ އެވެ. (އަލްޢާލަމް)