ވާދަވެރި ޕާޓީތައް ހިމެނޭ ގާނޫނު ހަދާ މަޖިލީހެއްގައި އެކުވެރިކަމާއެކު މަސައްކަތް ކުރެއްވޭނެ އުކުޅުތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމަށް ހާޒިރުވެވަޑައިގަތީ ދިހަ މެމްބަރުން ކަމަށް އެކަން އިންތިޒާމްކުރި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ބުނެފި އެވެ.


އެމްޑީއެންގެ ޕާލިމެންޓް ވޮޗް ކޯޑިނޭޓާ ނަޝީތު ތޯހާ ވިދާޅުވީ އެމެރިކާގެ އޮރެގަން ސްޓޭޓް ލެޖިސްލޭޓަރުން ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދެ ތަޖުރިބާކާރުން ކަމުގައިވާ އޮރެގަންގެ ސެނެޓާ ޖެކްލިން ޑިންފެލްޑާ އާއި، ސްޓޭޓް ރެޕްރެޒެންޓޭޓިވް ބެން ކެނަން މައުލޫމާތު ދެއްވި ލެޖިސްލޭޓިވް ކެޕޭސިޓީ ބިލްޑިން ސެމިނާ އަށް، މަޖިލީހުގެ 77 މެމްބަރުންނަށް ދައުވަތު ދެއްވި ކަމަށެވެ. ނަމަވެސް، އެއަށް ހާޒިރުވެވަޑައިގަތީ 10 މެމްބަރުންކަމަށެވެ.


އޭނާ އަދި ވިދާޅުވީ ގިނަ މެމްބަރުންނަށް ހާޒިރުވެވަޑައި ނުގެންނެވުނީ، އެބޭފުޅުންގެ ޝެޑިއުލް އެދުވަހު ހުރި ގޮތުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހުރިހާ ޕާޓީތަކުގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ކަމަށް ވެސް ނަޝީތު ވިދާޅުވި އެވެ.


"އެހާ ގިނައިން ހާޒިރެއް ނުވޭ. އެކަމަކު ހާޒިރުވި މެމްބަރުންގެ މެދުގައި ވަރަށް އިންޓަރެކްޓިވް ޑިސްކަޝަންތަކެއް ކުރެވެނު،" ނަޝީތު ވިދާޅުވި އެވެ.


މި ސެމިނާގައި ހަތަރު މިލިއަނެއްހާ މީހުން ދިރިއުޅޭ އެމެރިކާގެ އޮރަގެންގައި ބިލެއް ފާސްކުރުމުގެ ކުރިން، އެއިން ލިބެނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ބެލުމަށް ކޯސްޓް ބެނެފިޓް އެނަލިސިސް ނުވަތަ މާލީ ދިރާސާއެއް ވަކި ކޮމިޓީއަކުން ހަދާ ކަމަށާއި އަދި އެ ދިރާސާކުރުމަށް ފަހު ނޫނީ ބިލެއް ފާސްނުކުރާ ކަމަށް ޕާލިމެންޓޭރިއަނުން ވަނީ ފާހަގަ ކުރައްވާފަ އެވެ.


ނަޝީތު ވިދާޅުވީ ސެމިނާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން އެ މައުލޫމާތުތަކަށް ވަރަށް ޝައުގުވެރިވެވަޑައިގެންނެވި ކަމަށެވެ.


"ބައިވެރިވި ހުރިހާ މެމްބަރުންގެ ފަރާތުން ވެސް ވަރަށް ޕޮޒިޓިވް ރިވިއު ލިބުނު އެކަމަށް. މިހާރު މަޖިލިސް ރެގިއުލޭޝަނަށް އޭތި [މާލީ ދިރާސާ] އިންކްލޫޑް ކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެކެވުނު،" ނަޝީތު ވިދާޅުވި އެވެ.


އެކުވެރި މާހައުލެއްގައި މަސައްކަތް ކުރެވޭނެ އުކުޅުތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ކޮލޮމްބޯގައި ހުންނަ އެމެރިކަން އެމްބަސީގެ އެދުމުގެ މަތިން އެމެރިކާގެ ދެ ޕާލިމެންޓޭރިއަނުން ރާއްޖެ ވަޑައިގެންފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވުންތައް ބޮޑުވެ، ޖަލްސާތައް ކުރިއަށް ނުގެންދެވި އެތައް ފަހަރެއްގެ މަތިން ހުއްޓާލަމުންދާ ދުވަސްވަރެއްގަ އެވެ.