ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އިން ރާއްޖޭގައި އިންވެސްޓް ކުރާ މިންވަރު އިތުރުކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެ ބޭންކްގެ އިސް އޮފިޝަލުންނާ މަޝްވަރާ ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ، ރައީސް ޔާމީން މިއަދު އެ މަޝްވަރާ ކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ މެނޭޖިންގް ޑިރެކްޓަރު މިސްޓަރު ހޭމަންތް ޖީ ކޮންޓްރެކްޓާ އާއި ޗީފް ޖެނެރަލް މެނޭޖާ މިސްޓަރު ކާތިކެޔަންއާ މިއަދު ބައްދަލުކުރެއްވުމަށް ފަހު ކަމަށެވެ.

އަދި އެ މަޝްވަރާގައި ރާއްޖޭގެ އިންވެސްޓަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުންނާއި ބޭންކު މެދުވެރިވެގެން ވިޔަފާރީގެ ފުރުޞަތުތައް އިތުރަށް ފުޅާކުރުމަށް ކުރެވެން ހުރި ކަންކަމާބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަކީ، ރާއްޖޭގައި މިހާރު ޚިދުމަތް ދެމުންގެންދާ އެންމެ ގިނަ ދުވަސްވީ ބޭންކުކަން ފާހަގަކުރެއްވި އެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ތަރައްގީއަށް ޓަކައި އެ ބޭންކުން މިހާތަނަށް ވެދެމުން ގެންގޮސްފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި އެސްބީއައި އާ ދިވެހި ސަރުކާރާ ދެމެދު އޮންނަ ގުޅުން، ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެބައްދަލުކުރެއްވުމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ މާލޭ ގޮފީގެ ޗީފް އެގްޒެކެޓިވް އޮފިސާ މިސްޓަރު ރަންޖަން ގުޕްތާވެސް ބައިވެރިވެވަޑައިގެންނެވި އެވެ.