އެއްވެސް ކުއްޖަކު ބާކީ ނުކޮށް ތަހުޒީބީ މުޖުތަމައުއެއް ގާއިމުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުން ވެސް އަޒުމު ކަނޑައެޅުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ގޮވާލައްވައިފި އެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ހާސިލްކުރާނެ ލަނޑުދަނޑިތައް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވަމުން "އުފާ" ގެ ނަމުގައި ސަލްޓަންޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ހެވާ ލާބަޔަށް ކުރާ މަސައްކަތްތަކަކީ ހުއްޓާނުލާ ކުރިއަށް ގެންދަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ. އަދި އެކަން ހާސިލުވާނީ އެންމެ އެކުގައި ކުރާ ބުރަ މަސައްކަތުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދު އަޅުނގަޑުމެން ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކަނޑައަޅަންވީ އަޅުނގަޑުމެންގެ ތައުލީމީ ހިޔާވަހިކަމުގެ ތެރެއިން ނުކުންނަ އެއްވެސް ކުއްޖަކު ބާކީ ނުވާނެ ކަމުގެ އަޒުމު. މިއަދު އަޅުނގަޑުމެން ބޭނުންވަނީ ތަހުޒީބީ މުޖުތަމައުއެއްގައި އުޅެންބޭނުންވާ ހުރިހާ ސިފަތަކާއި ހުނަރު ލިބިފައިވާ މަސައްކަތްތެރި ދަރިންތަކެއް ތައްޔާރުކުރާނެ ކަމުގެ ޔަގީންކަން. އެކަކު އަނެކަކަށް އެހީވާނެ ކަމުގެ ޔަގީންކަން،" ޑރ. އަައިޝަތު ޝިހާމް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ތައުލީމާ ބެހޭ ސިޔާސަތުގައި ޖުމްލަ 23 ކަމެއް ހިމެނޭ އިރު މިއަދު އިފްތިތާހު ކުރުމަށް ހަމަޖެހިފައިވަނީ އޭގެ ތެރެއިން ހަތަރު ކަމެއް ކަމަށާއި އެކަންތައްތަކުގެ ސަބަބުން ދަރިވަރުންނަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ 100 ދުވަހުގެ އެކްޝަން ޕްލޭންގައި މިހާރުން މިހާރަށް ތަންފީޒުކުރުމަށް ތައްޔާރުވަމުންދާ ކަންތައްތަކުގެ ތެރޭގައި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަންނީ މުވައްޒަފުންގެ ތެރެއިން ވަޒީފާއިން ވަކިވެގެން ކިޔެވުމަށް ބޭނުންވާ މުވައްޒަފުންނަށް މުސާރައާއި އެއްވަރުގެ އެލެވެންސެއް ހުޅުވާލުމާއި އަންނަ ދިރާސީ އާއަހަރުގެ ކިޔެވުން ފެށޭއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް 1–7 ކަށް ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމާއި މަދަނީ ތައުލީމު ސްކޫލުތަކުގައި ތައާރަފް ކުރުމުގެ އިތުރުން ފޮލިޓެކްނިކުން ހިންގާ ކޯސްތަކުގެ ތެރެއިން ތަމްރީން ވުމުގެ ފުރުސަތު ސްކޫލު ކުދިންނަށް ހުޅުވާލުން ހިމެނެ އެވެ.

އެޑިއުކޭޝަން މިނިސްޓަރީގެ 100 ދުވަހުގެ އެކްޝަން ޕްލޭންގައި 19 ކަމެއް ހިމަނާފައިވާއިރު އޭގެ ތެރޭގައި އަންނަ ދިރާސީ އާއަހަރު ފެށެންވާއިރަށް ގުރުއާން ޓީޗަރުން ހަމަކުރުމަށާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަންނަ އަހަރު ރާއްޖޭގެ ފަސް ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެ ސެން ޔުނިޓުތައް ގާއިމުކުރުމަށާއި ހާއްސަ އެހީއަށް ބޭނުންވާ ސްޕެޝަލައިޒްޑް ދެ ޔުނިޓެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމުކުރުމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ސޯސިއޮލޮޖީގެ އަޖުމަ ބެލުމުގެ ގޮތުން ބައެއް ސާނަވީ ސްކޫލުތަކުގައި އެ މާއްދާ ކިޔަވައިދޭން ފެށުމާއި އަންނަ އަހަރު ދިވެހި ބަހާއި ގައުމިއްޔަތާއި ސަގާފަތަށް ދަރިވަރުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތަކަކާއި ލައިފް ސްކިލް ޕްރޮގްރާމް ހިންގަން ފެށުން ހިމަނާފައިވެ އެވެ.

ދަރިވަރުންނަށް ތަމްރީން ދިނުމަށް ކަނޑައަޅާފައިވާ ކަންތައްތަކަށް ބަލާލާއިރު ވަޒީފާއާއި ތަމްރީނުގެ ފުރުސަތުތަކަށް އަހުލުވެރިކުރުމުގެ ކެމްޕެއިނެއް ފެއްޓުމާއި އާމްދަނީ ލިބޭނެ މަސައްކަތެއް ޕޮލިޓެކްނިކްގެ މެދުވެރިކޮށް ދޭންފެށުމުގެ އިތުރުން ޕޮލިޓެކްނިކްގެ ތިން ކެމްޕަސް ރާއްޖޭގެ ތިން ސަރަހައްދެއްގައި ހިންގަން ފެށުމަށް އެ އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވެ އެވެ. އަދި އެޕްރެންޓިސްޝިޕް އިތުރަށް ފުޅާކޮށް ކުރިއަށްގެންދިއުމަށް ފަސް ކުންފުންޏަކާއި އެކު އެއްބަސްވުމަކަށް އައުމަށްވެސް އެ ޕްލޭނުގައި ކަނޑައަޅާފައިވެ އެވެ.

އަރަބި ބަސް ދަސްކޮށްދިނުމަށް ޕްރޮގްރާމަކާއި ބޭރު ބަސްތައް ކިޔަވައިދޭނެ ނިޒާމެއް ފަރުމާކުރުމަށް އެ ޕްލޭންގައި ކަނޑައަޅާފައިވާއިރު އަރަބި މީޑިއަމްއަށް ކިޔަވައިދޭނެ ދެ ރަށެއް ކަނޑއަޅައި ކޮންސެޕްޓް ޑިޒައިންކޮށް ކަނޑައަޅާފައިވެ އެވެ.

ތައުލީމީ ދާއިރާއިން ކަނޑައަޅާފައިވާ އެނެއް މުހިއްމު ލަނޑުދަޑިތަކަކީ އޭލެވެލް ތިން މާއްދާއިން ފާސްވާ ދަރިވަރުންނަށް އަންނަ އަހަރު ރާއްޖޭން ބޭރުން ކިޔެވުމުގެ ފުރުސަތު ހުޅުވާލުމެވެ. މީގެ އިތުރުން މުދައްރިސުންގެ ފަންނީ މިންގަނޑު އިއުލާންކޮށް ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީ އެކުލަވާލައި ފާސްކުރުމްވެސްވަނީ ނިންމާފައިވެ އެވެ. އަދި ހުރިހާ ސްކޫލެއްގައި ހެލްތް އެސިސްޓަންޓްގެ ހިދުމަތާއި ކައުންސިލިންގެ ހިދުމަތް ދިނުމަށާއި އިތުރުން ފައިނޭންސިންއާއި ގުޅޭ ކޯސްތައް ހިންގާ ފަރާތްތަކާއި ރާއްޖޭގެ މަރުކަޒުތަކާއި ލިންކޭޖަސް އުފެއްދުން ކަނޑައަޅާފައި ވެއެވެ.