ގުރުއާން ޓީޗަރުން ހޯދުމަށް ކުރި ދެ އިއުލާނުން ވެސް ބޭނުންވާ މިންވަރަށް ގުރުއާން ޓީޗަރުން ހަމަނުވާ ކަމަށާއި ނަމަވެސް ގުރުއާން ޓީޗަރުން ހަމަނުވާ ސްކޫލުތަކަށް ރިސޯސް ޓީޗަރުން ހަމަޖައްސާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓަރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުލް މުހުސިން މުހައްމަދު މިއަދު ވިދާޅުވީ ގުރުއާން ޓީޗަރުން ހޯދުމަށް ކުރި ދެވަނަ އިއުލާނުގެ މުއްދަތު ހަމަވެފައިވާއިރު ކުރިމަތިލާފައިވަނީ 14 ފަރާތަކުން ކަމަށެވެ. އެހެންކަމުން އަދިވެސް 26 ޖާގަ އަކަށް ގުރުއާން ޓީޗަރުން ބޭނުންވާ ކަމަށާއި އެ މަގާމުތަކަށްވެސް މީހުން ހަމަޖެއްސުމަށް މަސައްކަތްކުރައްވާ ކަމަށެވެ.

"އެ 26 ޓީޗަރުންނަށް އަޅުނގަޑުމެން ހަމަޖައްސާނީ ރިސޯސް ޓީޗަރުން. އެއީ އެކި ގުރުއާން ކުލާސްތަކުގައި ކިޔަވައިދެމުން އަންނަ ޓީޗަރުންނާއި އެފަދަ ޓީޗަރުން. ގަޑި ފުރާ ގޮތަށް ކޮންޓްރެކްޓް އުސޫލުން އަޅުނގަޑުމެން ގެންނާނީ،" މުހުސިން ވިދާޅުވި އެވެ.

އަންނަ ދިރާސީ އާ އަހަރު ހުރިހާ ސްކޫލެއްގެ ގްރޭޑް 1-7 އަކަށް ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހަމަޖެއްސުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ 100 ދުވަހުގެ ތެރޭގައި ކަނޑައަޅާފައިވާ އެއް ވައުދެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓަރީން ވަނީ ޖުމްލަ 69 ގުރުއާން ޓީޗަރުން ހޯދުމަށް މިމަހުގެ ތެރޭގައި ދެ އިއުލާނެއް ކޮށްފަ އެވެ.

މުހުސިން ވިދާޅުވީ އަންނަ ދިރާސީ އާއަހަރު ފެށެން ދެ ހަފްތާއަށް ވެފައިވާއިރު ހުރިހާ ސްކޫލަކަށް މުދައްރިސުން ހަމަކުރާނެ ކަމަށާއި އެގޮތުން ދިވެހި މުދައްރިސުންނަށް ފުރުސަތު ހަމަޖައްސާފައި ބާކީ ހުރި ޖާގަތަކަށް ބިދޭސީ މުދައްރިސުންނަށް ފުރުސަތު ދެމުން އަންނަ ކަމަށެވެ. އަދި ބޭނުންވާ ވަރަށްވުރެ ގިނައިން ސްޓޭންޑްބައިގައި ބިދޭސީ ޓީޗަރުން އެބަތިބި ކަމަށާއި އެގޮތުން ހާއްސަ މާއްދާތަކަށްވެސް ޓީޗަރުން ހަމަޖެހިގެންދާނެ ކަމަށް މުހުސިން ވިދާޅުވި އެވެ.

"އަންނަ އަހަރަށް ޖުމްލަ ގާތްގަނޑަކަށް 300 މުދައްރިސުންގެ މަގާމުވަނީ ހުސްވެފައި. އެހެންވީމަ ލަފާކުރެވެނީ އޭގެ ތެރެއިން 100 ވަރަކަށް ޖާގަ ދިވެހި މުދައްރިސުން ނަގާ އަނެއްބައި ބިދޭސީ ޓީޗަރުން ހަމަޖެހޭނެ ކަމަށް. ދެން އަޅުނގަޑުމެން މިގެންދަނީ ހަމަ ކޮންމެ ސްކޫލަކުން ސްކޫލަކުން ހަމަކުރަމުން ދިވެހިން ހަމަނުޖެހޭ ތަންތަނަށް ބިދޭސީ ޓީޗަރުން ހަމަޖައްސަމުން،" މުހުސިން ވިދާޅުވި އެވެ.

އޭގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ޓީޗަރުން ހަމަޖެއްސުމަށް މަސައްކަތްކުރައްވާ ކަމަށްވެސް މުހުސިން ވިދާޅުވި އެވެ.