މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބިލް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ބިލު މަޖިލީހުން މިއަދު ފާސްކުރީ މަޖިލީހަށް އެ ބިލް ހުށަހެޅިތާ ހަތަރު އަހަރުފަހުންނެވެ. ނޮވެމްބަރު 25، 2009 ވަނަ އަހަރު މަޖިލީހަށް ހުށަހެޅި ބިލް ދިރާސާ ކުރުމަށްފަހު ތަޅުމަށް ހުށަހެޅީ މިއަދު އެވެ.

އިޖުތިމާއީ ކޮމެޓީން އެ ބިލް ދިރާސާ ކުރުމަށްފަހު ބިލް ފާސް ކުރުމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 67 މެމްބަރުންގެ އަގުލަބިއްޔަތު ލިބުނީ އެ ބިލް ފާސް ކުރުމަށެވެ. ބިލް ފާސްކުރުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. ނަމަވެސް ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެންމެ މެމްބަރަކު އިންނެވި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބިލަކީ ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އެކަށައެޅުމާއި ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ނުހިނގަނީ ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ހާލަތްތަކުގައި ކަނޑައެޅުމެވެ. އަދި އެފަދަ ހާލަތްތަކުގައި އެ މައުލޫމާތު ހާމަކުރުމުން ލިބޭ ގެއްލުމަށްވުރެ ހާމަނުކުރުމުން އާންމު މަސައްލަހަތަށް ލިބޭ އުނިކަން ބޮޑުވާނަމަ، އާންމު މަސްލަހަތު ނެގެހެއްޓުމަށްޓަކައި އެ މައުލޫމާތު ހާމަކުރުމުގެ އުސޫލު ކަނޑައަޅާފައިވާ ބިލެކެވެ.