ރެޑްބުލް ވިނިން ފައިވް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އެލްކިއު ސްޕޯޓްސް އަތުން 1-0 އިން މޮޅުވެ، އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ އޮސްޓްރިއާ ދަތުރު، ޔޫތު ރިވޮލޫޝަން ކްލަބް (ވައިއާރްސީ) ހޯދައިފި އެވެ.

ޖުމްލަ 60 ޓީމު ބައިވެރިކޮށްގެން ނޮކްއައުޓް އުސޫލުން، ހެންވޭރު އަޑު ޕާކުގައި ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ފައިނަލް މެޗުގެ ކުރީކޮޅު ވައިއާރްސީ އަށް ލަނޑު ޖަހައިދިނީ އަހުމަދު ރަޝީދު އެވެ.

ރެޑްބުލް ވިނިން ފައިވް އަކީ ފައިވް އޮން ފައިވް މުބާރާތަކަށްވި ނަމަވެސް، އާންމުކޮށް ކުޅޭ މުބާރާތްތަކާ މި މުބާރާތުގެ ގަވައިދުތައް ތަފާތެވެ. ކޮންމެ ޓީމެއްގައި ފަސް ކުޅުންތެރިން ހިމެނުނު ނަމަވެސް، ގޯލްކީޕަރެއް ނުހުންނާނެ އެވެ. އެންމެ ފާހަގަކޮށްލެވޭ ގަވައިދަކީ ޓީމަކުން ލަނޑެއް ޖަހައިފި ނަމަ، އިދިކޮޅު ޓީމުގެ ކުޅުންތެރިއެއް ބާލަން ޖެހުމެވެ. ކޮންމެ މެޗަކަށް 10 މިނިޓު ކަނޑައަޅާފައި އޮތް ނަމަވެސް، ޓީމެއްގެ ކުޅުންތެރިން ހުސްވެއްޖެ ނަމަ އެ ވަގުތުހަމަވުމުގެ ކުރިން މެޗު ނިމޭނެ އެވެ. ދެ ޓީމު އެއްވަރުވެގެން މެޗު ނިމިއްޖެ ނަމަ، ނަތީޖާ ކަނޑައަޅަނީ ޕެނަލްޓީ ޖަހައިގެނެވެ.

މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވަނީ ވެސް ވައިއާރުސީގެ ފަރާތުންނެވެ. އެޓީމުން ވަނީ ފައިނަލަށް ދަތުރުކުރި މަގުމަތީގައި ކުޅުނު ދެ މެޗެއްގައި އިދިކޮޅު ޓީމުގެ ހުރިހާ ކުޅުންތެރިން ހުސްކޮށްލައިފަ އެވެ.

ފައިނަލް މެޗުން ބަލިވި ނަމަވެސް، އެލްކިއު ސްޕޯޓްސް އިންވެސް ފައިނަލާ ހަމައަށް ދަތުރުކުރީ ވަރުގަދަ ޓީމުތަކެއް ކަޓުވާލުމަށް ފަހު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުން ވައިއާރްސީ އަށް ވަނީ އަންނަ އަހަރު ފެބްރުއަރީ މަހު އޮސްޓްރިއާ އަށް ޒިޔާރަތްކޮށް، އޮސްޓްރިއާގެ ވަރުގަދަ ކްލަބެއް ކަމަށްވާ ރެޑްބުލް ސަލްޒްބާގްއާއެކު ކުޅެލުމުގެ ފުރުސަތު ލިބިފަ އެވެ. އަދި ސަލްޒްބާގްގެ ދަނޑުގައި އެ ޓީމު ކުޅޭ މެޗެއް ބަލާލުމުގެ ވީއައިޕީ ޓިކެޓުތައް ވެސް އެޓީމަށް ލިބޭގޮތަށް ހަމަޖެހިފައިވާއިރު ރެޑްބުލްގެ އެހެން ބައެއް ހާއްސަ ތަންތަން ބަލާލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ވަރަށް އުފާވެއްޖެ،" ވައިއާރްސީގެ ކެޕްޓަން ހުސެއިން ރަޝީދު ބުންޏެވެ. "މުބާރާތަށް ނުކުތީ ވެސް ތައްޓައް ޓާގެޓްކޮށްގެން. އެކަން މި އޮތީ ހާސިލްވެފައި،" ވައިއާރްސީގެ ކެޕްޓަން ހުސެއިން ރަޝީދު ބުންޏެވެ. "އަހަރެމެން ނުކުތީ މުބާރާތް ކާމިޔާބުކުރަން ޓާގެޓްކޮށްގެން. އެކަން މި އޮތީ ހާސިލްވެފައި. ހުރިހާ އެންމެން ވެސް ވަރަށް ރަނގަޅަށް ކުޅުނު. އަސްލު އަހަރެމެން ހީކުރި ވަރަށްވުރެ ރަނގަޅަށް ބައެއް މެޗުތަކުގައި ކުޅެވުނު. މީގެ ކުރިން ވެސް އެއްކޮށް މުބާރާތްތަކުގައި ކުޅެފައިވަނީ އެކަމަކު މިއީ ވަރަށް ހާއްސަ ކާމިޔާބަކަށް ވާނީ."

ފައިނަލް މެޗަށް ފަހު ވައިއާރްސީ އަށް ޓްރޮފީ ހަވާލުކޮށްދެއްވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޑައިރެކްޓާ އޮފް ނެޝަނަލް ޓީމްސް އަލީ ސުޒޭން އެވެ.

ރެޑްބުލް ވިނިން ފައިވް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގްބޫލުކަން ހޯދައިފައިވާ މުބާރާތެކެވެ. މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރަށް ވިޔަސް، މި މުބާރާތް ދިވެހި ޒުވާނުނަށް ވެސް ވަނީ ވަރަށް ކަމުގޮސްފަ އެވެ.