މާލެއާއި ހުޅުމާލެއާ ދެމެދުގައި "ކޮންޓްރެކްޓާ ފައިނޭންސް" އުސޫލުން ބްރިޖެއް އަޅައިދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް މި މަހުގެ ތިން ވަނަ ދުވަހު ހުޅުވާލި ފުރުސަތުގެ މުއްދަތު ސަރުކާރުން މިއަދު އިތުރުކޮށްފި އެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލުކުރަށްވައި މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ހުޅުމާލެ އާއި މާލެއާ ދެމެދު ބްރިޖް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށް މިހާރު ވެސް ދުނިޔޭގެ މަޝްހޫރު ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ކުރިމަތިލައި 15 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންދާނޭ ފަރާތެއް ހޯދުމަށް ކުރިން ދީފައިވާ މުއްދަތު ސަރުކާރުން މިހާރު ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައި ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މި ދުވަސްވަރަކީ ޔޫރަޕްގެ އަދި ބައިނަލްއަގްވާމީ ވަރަށް ގިނަ ގައުމުތަކަކަށް ޗުއްޓީ ދުވަސްކޮޅަކަށްވީމާ ވަރަށް ގިނަ ފަރާތްތަކަކުން ސަރުކާރުގައި އެދިވަޑައިގެންފައި އެބައޮތް މުއްދަތު އިތުރުކޮށްދިނުމަށް. އެއީ މިކަމުގެ ޝައުގުވެރިކަން ހުރެގެން. އެހެންވީމާ އިކޮނޮމިކް ކައުންސިލްގެ ލަފަޔާ އެކުގައި އަޅުގަނޑުމެން ޑެޑްލައިންއަށް ކުޑަކޮށް ލުޔެއް މިދިނީ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ބްރިޖު އެޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ 15 ކުންފުނީގެ ތެރޭގައި ޗައިނާގެ ހަތް ފަރާތަކާއި އިންޑިއާގެ ދެ ކުންފުންޏަކާއި ހޮންކޮންގު، އެމެރިކާ، ފްރާންސް، ތުރުކީ، އޮސްޓްރޭލިޔާ އަދި ރާއްޖޭގެ ކުންފުންޏަކުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭ ބްރިޖުގެ މަޝްރޫއު ސަރުކާރުން މިހާރު އިއުލާނުކޮށްފައިވާ އިރު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އެބްރިޖް ޑިޒައިންކޮށް، ހިންގާ އަދި މެއިންޓެނަންސްގެ މަސައްކަތް ވެސް މަޝްރޫއާ ހަވާލުވާފަރާތެއް ކުރިއަށް ގެންދާ ގޮތަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން ހުޅުވާލި މުއްދަތުގެ ތެރޭގައި 15 ފަރާތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުން، އެކަމަށް ގިނަ ބައެއްގެ ޝައުގުވެރިކަން އެބަހުރިކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.

"އެ ގައުމުތަކުގެ ވަރަށް ގިނަ ކުންފުނިތަކަކުން ސަރުކާރުގައި އެދިފައި ވަނީ، 10 ވަރަކަށް ދުވަހަށް މުއްދަތު އިތުރުކޮށްދިނުމަށް. އެހެންކަމުން އިކޮނޮމިކް ކައުންސިލްގެ ލަފަޔާ އެކު އަޅުގަނޑުމެން މި ނިންމީ، 12 ޖެނުއަރީވާ އާދީއްތަ ދުވަހުގެ 2:00އާ ހަމައަށް މުއްދަތު އިތުރުކުރަން،" ސައީދު ވިދާޅުވި އެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ސަރުކާރުން ބޮޑެތި މަޝްރޫއުތައް ހިންގުމަށް އުފައްދަވާފައިވާ އިގުތިސާދީ ކައުންސިލްގެ ކޯ-ޗެއާ އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކުރިން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އިގުތިސާދީ މެނިފެސްޓޯގައި ހިމެނޭ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫއަކީ މާލެ-ހުޅުލެ ބުރިޖްގެ މަޝްރޫއު ކަމަށެވެ.