29 Dec 2013, 15:24
އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ)ގެ އެފިލިއޭޓް މެންބަރެއްގެ ގޮތުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ހިމެނިއްޖެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އޭބީޔޫގެ މެންބަރަކަށްވުމުން ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ ތަރައްގީ އަށާއި އިންސާނީ ވަސީލަތް ބިނާކުރުމަށް މުހިއްމު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަގްވާމީ ބްރޯޑްކާސްޓަރުންނާ އެކު މަސައްކަތް ކުރުމަށް ވެސް މުހިއްމު ފުރުސަތެކެއް ލިބިގެންދާނެ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވަނީ އޭބީޔޫ ގެ އެފިލިއޭޓް މެންބަރެއްގެ ހައިސިއްޔަތުން ކޮމިޝަނުގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން އޭބީޔޫ އަށް ލިބެގެންދާނޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭބީޔޫގެ ވަސީލަތްތަކުގެ އެހީގައި ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ އަށް މަންފާކުރާނޭ ކަމަށް ޔަގީންކުރައްވާ ކަމަށާއި އޭބީޔޫގެ މެމަބަރަކަށްވުމުން މިހާރަށް ވުރެ ހަރުދަނާ ގުޅުމެއް ކުރިއަށް އޮތްތާގައި އުފެދިގެންދާނޭ ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ.
ރާއްޖޭގެ އިތުރުން ޖުމްލަ 254 ގައުމު ހިމެނޭ އޭބީޔޫ އަކީ އޭޝިޔާ ޕެސިފިކް ސަރަހައްދުގައި ހަރަކާތްތެރިވާ ބްރޯޑްކާސްޓަރުންގެ ތަރައްގީއަށާއި ރޭޑިއޯ/ޓީވީގެ ކުރިއެރުވުމަށާއި ބައިނަލްއަގްވާމީ ޕްލެޓްފޯމެއްގައި އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ބްރޯޑްކާސްޓަރުން ގުޅުން ބަދަހިކުރުމަށާއި އެއްބާރުލުން އިތުރުކުރުމުގެ މަގްސަދުގައި 1964ގައި އުފައްދާފައިވާ ޖަމާއަތެކެވެ.