ހަތް އަހަރު ދުވަހުގެ މަސައްތުން މަޖިލީހުން ދިރާސާ ކުރި ގާނޫނުލް އުގޫބާތުގެ ބިލް، ކޮމެޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅުމުން އެ ބިލް މަޖިލީހުން ފާހެއް ނުކުރި އެވެ. އެ ބިލް މަޖިލީހުން ފާސް ނުވީ ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރި ކޮމެޓީން މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ބިލުގެ ރިޕޯޓް، ފާސް ކުރުމާ ދެކޮޅަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުންނެވެ. ބިލު ފާސް ކުރުމަށް ވޯޓު ދެއްވީ 34 މެންބަރުންނެވެ. އަދި ބިލް ފާސް ކުރުމާ ދެކޮޅަށް 36 މެމްބަރުން ވޯޓު ދެއްވި އެވެ. ގާނޫނުލް އުގޫބާތު މަޖިލީހުން ފާސް ނުވުމުން، އެ ބިލް ވަނީ އަނބުރާ ކޮމެޓީއަށް ފޮނުވާލާފަ އެވެ. އެ ބިލް ކޮމެޓިއަށް ފޮނުވުމަށް 61 މެމްބަރުން ވޯޓު ދެއްވިއިރު، ކޮމެޓީއަށް ފޮނުވުމާ ދެކޮޅަށް ތިން މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ވަކިކޮޅަށް ވޯޓު ނުދެއްވައި ދެ މެމްބަރަކު ތަޅުމުގައި ތިއްބެވި އެވެ. ގާނޫނުލް އުގޫބާތު ބިލް މަޖިލީހުން ފާސް ކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ސަރުކާރަށް ތާއިދު ކުރާ މެމްބަރުންނެވެ.