ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުނު ހަތް ވަޒީރުންގެ މައްސަލަކީ ރާއްޖޭގެ ގައުމީ އަދި ބަރުލަމާނީ ހަޔާތުގައި ފެންމަތިވެގެން އައި އެންމެ ބޮޑު އެއް މައްސަލައެވެ. ދުސްތޫރީ ގޮތުން މައްސަލައިގެ ބޮޑުކަން ފާޅުވެގެން އައީ ރުހުން ނެތް ވަޒީރުން މަގާމުގައި ދެމި ތިއްބެވިދާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދި އެ މައްސަލަ ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރު ކަމަށްވާ ސަރުކާރާއި މަޖިލީހުގެ ބާރުން ވީއްލި ސުޕްރީމް ކޯޓުގެ ތެރެއަށް "ބޯޅަ" ވެއްޓުނު ހިސާބުންނާއި "ރުހުން ދިނުމަކީ އަސްލެއް އެކަމަކުގައިވާ އެއްޗެއް ނޫން" ކަމަށް ރައީސް ނަޝީދު ވިދާޅުވުމުނެވެ. އެ ހިސާބުން އޮތީ "ގާނޫނު އަސާސީގައި "ވާއެއްޗެއް އެކަމަކު ނުވާ އެއްޗަކީ ރުހުން" ކަމަށް ބެލެވިފަ އެވެ.
މުޅި މައްސަލައާ ގުޅިގެން ފެންމަތިވެގެން އައި ހުރިހާ "ޕްރިޑިކްޝަން"ތައް ސުޕްރީމް ކޯޓުން މިހާރު ވަނީ އެކަޑަމިކް ނަޒަރިއްޔާއަކުން ފުރާނައިދީ ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ފަހުބަސް އިއްވައިފަ އެވެ.


އެހެންނަމަވެސް ވަރުގަދަ ތާރީހެއް އުފެއްދި ދުސްތޫރީ މި މައްސަލައިގެ ޖުމްލަ ދޭހަ އާންމުންނަށް ސާފުވިތޯ އެއީ ސުވާލު އުފެދޭ ކަމެކެވެ. ހަގީގަތުގައި ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނާ އެއްޗެއް އެންމެ ރަނގަޅަށް ދޭހަވެފައިވާ މީހުން މަދެވެ. އެހެންވިޔަސް މި ހުކުމުން ވަރަށް ގިނަ ކަންތައްތަކެއްގެ ސިއްކަ ޖެހިއްޖެކަން  އެންމެންނަށް ވެސް އެނގެ އެވެ. ނޭނގެނީ ވީގޮތެވެ.


ފުރަތަމަ ކަމަކީ ރާއްޖޭގެ ގާނޫނީ އޮނިގަނޑު ދެން ފުރޮޅިގެން އަންނާނީ ސުޕްރީމްކޯޓުން ދުސްތޫރީ މި މައްސަލައިގެ ހުކުމުން ނިންމެވި ކަންތައްތަކުގެ މައްޗަށް ބިނާ ވެގެނެވެ. މި ނިންމުންތަކުގެ ސަބަބުން ނުކުތް އެންމެ ބޮޑު ނަތީޖާއަކީ ވަޒީރުންގެ ރުހުން ކަމަށް ބޭރުފުށަށް ފެނުނަސް އެންމެ ބޮޑު ނަތީޖާއަކީ ދިވެހި ދައުލަތް ހިންގުން ގާނޫނީ ހުސްކަމެއްގެ ތެރެއަށް ނުގޮސް ސަލާމަތްވުން ކަން ކޮންސްޓިޓިއުޝަނަލް ނަޒަރިއްޔާއިން "ޒޫމް" ކުރީމާ އެނގޭނެ އެވެ.


ސިޔާސީ ވަރަށް ގިނަ ފަރާތްތަކަށް ވެސް އަދި އާންމުންނަށް ވެސް ވަޒީރުންގެ ރުހުމުގެ މައްސަލައިގައި އޮޅުންތައް އަރާފައިވެ އެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބަހުސްތަކާއި ޔައުމިއްޔާތައް ވަރަށް ރަނގަޅަށް ހަނދާން ހުރި މީހުންނާއި ސިޔާސީ މައިދާނުގެ ގަރަނބު ކަމާއި ފެހި ގާނޫނު އަސާސީން ގެނެސްދިން ބަދަލު ރަނގަޅަށް އެނގޭ މީހަކު ފިޔަވައި ގިނަ މީހުން ތިބީ އޮޅުމެއްގެ ތެރޭގަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ސާފުވެގެން ދިޔަ އެއް ކަމަކީ ވެރިކަން ހިންގުމުގެ ބާރަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާ އިރު ވަޒީރުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދޭ ބައެއް ކަމެވެ. "ސެކެއްޓަރީން" ކަމެވެ. ކޮންސްޓިޓިއުޝަނަލް ލޯގެ އެންމެ އިސް މާހިރުން، ލޯކް އާއި މޮންޓެސްކިއޭގެ ސެޕަރޭޝަން އޮފް ޕަވާސްގެ އުސޫލުތަކަށް ރިޔާއަތްކޮށް މިކަން ވަރަށް ރަނގަޅަށް ވަނީ ސާބިތުވެފަ އެވެ.


ރިފަރެންޑަމަކުން ރާއްޖޭގައި ވަނީ ވެރިކަމުގެ ނިޒާމަކަށް ރިޔާސީ ނިޒާމު ގެނެސްފަ އެވެ. މުހިންމު އެއް ކަމަކީ އިނގިރޭސި ވިލާތަށް ނިސްބަތްވާ ޕާލަމެންޓަރީ ނިޒާމާއި އެމެރިކާއަށް ނިސްބަތްވާ ރިޔާސީ ނިޒާމް އޮތް ކަމަށް ވިޔަސް  އެ ދެ ނިޒާމުގެ ހުރި ސިފަތަކުން ރާއްޖޭގައި އޮތް ނިޒާމަށް ބަލާއިރު ރާއްޖޭގެ ނިޒާމުގައި މަސްހުނި ސިފަތަކެއް ހުރިކަމަށް ސުޕްރީމް ކޯޓުން ނިންމެވުމެވެ. އެހެން ކަމުން ރާއްޖޭގައި މިއޮތީ ފުރިހަމަ ރިޔާސީ ނިޒާމެއް ނޫން ކަން ހުކުމުން ރީއްޗަށް އެނގެ އެވެ.


މިހާ ހިސާބުން ސުވާލަކަށް ވާނީ މީގެ ފަހަށް ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެކޭ ބުނުމުގެ ފުރުސަތު އެބައޮތް ހެއްޔެ އެވެ. ޖަވާބަކީ އާނއެކެވެ. ރާއްޖޭގައި މި އޮތީ ރިޔާސީ ނިޒާމެކެވެ. ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނީ ރާއްޖޭގައި އޮތީ ފުރިހަމަ ރިޔާސީ ނިޒާމެއް ނޫން ކަމެވެ.


"... މިއިން އެއްވެސް ނިޒާމެއްގައި އަސާސީ ހަސާއިސްތަކުގެ ތެރޭގައި ހިމެނޭ ސިފައެއް އަނެއް ނިޒާމެއްގެ ތެރެއަށް ވަދެއްޖެ ނަމަ އެ ނިޒާމަކީ ފުރިހަމަ ރިޔާސީ ނިޒާމެއް ކަމުގައި ނުވަތަ ފުރިހަމަ ބަރުލަމާނީ ނިޒާމެއް ކަމުގައި ސިފަ ނުކުރެވޭނެ ކަމާއި އެފަދަ ހާލަތުގައި އެ ނިޒާމެއް  ދުސްތޫރީ ފިގުހުގައި ސިފަ ކުރެވެނީ ހައިބްރިޑް (މަސްހުނި) ނިޒާމެއްގެ ގޮތުގައިކަން އެނގެން އޮންނަ ކަމެވެ،" ހުކުމުގައިވެ އެވެ.


މި ކޮންފޮމޭޝަންގެ ދޭހައަކީ ރާއްޖޭގައި އޮތީ ފުރިހަމަ ރިޔާސީ ނިޒާމަކަށް ނުވުމެވެ. ހަމަ އެހެންމެ އެކަން ކަށަވަރުކޮށްދެނީ "... ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ތަބާވަނީ ރިޔާސީ ނިޒާމުގެ ސިފަތަކާއި ބަރުލަމާނީ ނިޒާމުގެ ސިފަތަކާއި މަސްހުނިވެފައިވާ ހައިބްރިޑް ނިޒާމެއްގެ މައްޗަށްކަން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ތިން ވަނަ ބާބާއި ހަތަރުވަނަ ބާބާއި ފަސްވަނަ ބާބުގެ މާއްދާތަކަށް ބަލާއިރު އެނގެން އޮންނާތީ ދިވެހި ދައުލަތުގެ ބާރުތައް ބެހިގެން ވަނީ ކޮން ސިޔާސީ ނިޒާމެއްގެ މައްޗަށްތޯ ބެލުމަށްޓަކައި ރުޖޫއަވާން ޖެހެނީ ހަމައެކަނި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށްކަން އެނގޭ" ކަމަށް ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރަކު އިއްތިފާގުވެ ވަޑައިގެންފައި އޮތުމެވެ. ހަމަ އެއާއެކު ރުހުމުގެ މައްސަލައިގެ ހުކުމް ނުވަތަ ނިޔާ ހޯއްދެވުމުގައި ބައްލަވާފައި ވަނީ ގާނޫނު އަސާސީ އާއި އެ ގާނޫނު އަސާސީ އެކުލަވައިލި ބައެއް ނިޔަތަށް ކަމެވެ.


ވަޒީރުންގެ މައްޗަށް ރުހުން ހޯދުމާ ބެހޭ ގޮތުން ދިވެހިން ނުނެރޭ ތިޔަރީއެއް ނެތެވެ. ކޮންމެ މީހަކަށް ގޮތެކެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން ވަނީ އޭގެ އޮޅުންބޮޅުން ފިލުވައިދީފަ އެވެ. ވަޒީރުންގެ މައްޗަށް  ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމްވާ، އެމަނިކުފާނު ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ. ހަމަ އެއާއެކު "އައްޔަން" މިބަހުގެ މާނައަށް އިތުރު ދޭހަތައް ނުވައްދައި "ވަޒީރުން އައްޔަން" ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އިހުތިޔާރުގައިވާ ކަމެއް ކަމެވެ. ހުކުމުގައި ބުނަނީ ދިވެހި ދުސްތޫރީ ނިޒާމުގައި ވަޒީރުން އައްޔަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އިހުތިޔާރުގައި ވާކަމެއް ކަމަށެވެ.


"ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ އިހުތިސޯސެއްގެ ތެރެއަށް އެހެން ފަރާތަކަށް ތަދުއްހުލު ނުވެވޭނެ ކަމާއި ރައީސުލްޖުމްހޫރިއްޔާ ވަޒީރުން އައްޔަން ކުރުން އެހެން އެއްވެސް ފަރާތެއްގެ ފާސްކުރުމުގެ މައްޗަށް ހުއްޓިފައި ނުވާ ކަމީ އިސްވެދިޔަ ދުސްތޫރީ ނައްސުން ސަރީހަ ކަމާއެކު އިތުރު ތަފުސީރަކަށް  ނުވަތަ ބަޔާނަކަށް ބޭނުންވާ ކަމެއް ނޫންކަން އެގެން އޮތުމެވެ،"  ހުކުމުގައި ބުނެފައިވެ އެވެ.


ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ) ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ އެހެން މެންބަރުން އައްޔަން ކުރުމަށް ފަހު މަޖިލީހުގެ ރުހުން ހޯދަންވާނެ ކަމަށް ބުނާ ބުނުމަށް ރިއާޔަތްކޮށް ހުކުމުން ކަށަވަރު ކޮށްދޭ އެއް ކަމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ރައީސް ވަޒީރުންގެ މަޖިލީހަށް މެންބަރުން އައްޔަން ކުރުމަށް ފަހު މަޖުލީހުގެ ރުހުން ހޯދުމަކީ ރައީސްގެ މައްޗަށް ލާޒިމު ކުރާ ކަމެއް ކަމެވެ. އަދި ވަޒީރުންގެ މައްޗަށް ރުހުން ހޯދުމަކީ ރައީސްގެ ފުރިހަމަ ޒިންމާއެއް ކަމެވެ. މީގާ މާނައަކީ ރުހުން ހޯދުމަކީ ވަޒީރުންގެ މައްޗަށް އޮތް ކަމެއް ނޫނެވެ. އެކަމަކު ވަޒީރުނަށް ރުހުން ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަވާ ލާޒިމް ޒިންމާއެއް ކަމެވެ.


ހައިރާން ކުރުވަނިވި "މާސް ރެސިގްނޭޝަން" އަކަށް ހުރިހާ ވަޒީރުން ވަޑައިގަތުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ކަންތައްތަކެއްގެ ފޫޅުކަނޑި އެވެ. ތުހުމަތު ކުރެއްވި އެއްވެސް ކަމަކަށް ރައްޔިތުންގެ މަޖިލީހުން ކުރި ކަމެއް ނެތި، އެއަށް ނަތީޖާއެއް ނުނުކުމެ އޮއްވައި ހަމަ އެބޭފުޅުން ވަޒީރު ކަމަށް ވަޑައިގެން ރުހުން ހޯދަން ޖެހުނު ހިސާބުން ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ ގޮތުން ހަމަ އެ ބޭފުޅުން ސުވާތައް ފެންމަތި ކުރުވި އެވެ. ހައްތާވެސް ގާނޫނީ ސުވާލެވެ. އެން ބޮޑު ސުވާލަކީ ރުހުން ނުލިބިއްޖެ ނަމަ ދެން ހަދާނެ ގޮތެއް ގާނޫނު އަސީސާގައި ބަޔާންވެފައި ނެތުމުން އުފެދުނު ޝައްކެވެ.


އެ ޝައްކު ވެސް މިހާރު ފިލައިފި އެވެ. އެހެން ބުނަން ޖެހެނީ ".. ރުހުން ނުލިބިއްޖެ ނަމަ ހަދާނެ ގޮތެއް ބަޔާންކޮށްފައި ނެތުމަކީ ދުސްތޫރީ ނައްސު އިހުމާލު ކުރެވިދާނެ ކަމެއް ނޫން" ކަމަށް ހުކުމުގައި ސާފުކޮށް އޮތުމުންނެވެ.  މިއިން އެނގެނީ އެއްވެސް މާނައެއް ނެތި އަމަލު ކުރަން ނުޖެހޭ ނައްސެއްގެ ގޮތުގައި އެފަދަ ނައްސެއް އެކުލަވައިލުމަކީ ގާނޫނު އަސާސީ ފާސްކުރި ހާއްސަ މަޖިލީހުގެ މަގުސަދަށް ވުމަކީ ތަސައްވުރު ކުރެވޭނެ ކަމެއް ނޫން ކަމެވެ.  


އެކަމާ ގުޅިގެން ވަރަށް އެކަޑަމިކް ބަޔާނެއް ހުކުމުގައި އޮވެ އެވެ: "ރުހުން ނުލިބުމުން ތަރައްތުބުވާ ނަތީޖާއަކީ ރުހުން ނުލިބުނު ވަޒީރުން މަގާމުގައި ދެމި ނުތިބުންކަން ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ފާސްކުރި ހާއްސަ މަޖިލީހުގެ ޔައުމިއްޔާ ތަކުން އިސްތިހްލާސް ކުރެވެން އޮންނަ ކަމެވެ،" މިހެން ބުނެފައި އެވަނީ އެއްވެސް މާނައެއް ނެތް، އަމަލު ކުރަން ނުޖެހޭ، ނައްސެއް ގާނޫނު އަސީގައި ގެނައުމަކީ ގަބޫލު ކުރެވޭނެ ހަމައަކަށް ނޫންކަން ސާފުކޮށް ދިނުމަށެވެ.


ދެން އޮތީ ރުހުން ނުލިބުމާއި އެއިން ނުކުންނަ ނަތީޖާ އެވެ. މިއީ ވަރަށް މުހިންމު ނުކުތާއެކެވެ. ސުވާލުތައް އުފެދުނު މައްސަލަތަކުގެ ޖުމްލަ ނަތީޖާ ނެރެދެނީ މި ނުކުތާއިންނެވެ. މިއަށް ބާރުދެއްވައި ހުކުމުގައި ބުނަނީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައީސް އައްޔަން ކުރައްވާ ވަޒީރުނަށް މަޖިލީހުގެ ރުހުން ހޯދުން ގާނޫނީ ގޮތުން ލާޒިމު ވަނީ ރައީސްގެ މައްޗަށް ކަމަށްވާއިރު "ރުހުން ނުލިބުމުގެ ޗެކް އެންޑް ބެލެންސް ގެ ގާނޫނީ ނަތީޖާ ތަހައްމަލު ކުރަން ޖެހޭނީ ހުދު ރައީސުލްޖުމްހޫރިއްޔާ" އެވެ.  


މީގެ ފަހަތަށް ދެން އަންނަނީ އާހިރު ނިޔާއެވެ: "... ދައުލަތުގެ އެންމެހާ މުއައްސަސާތަކަކީ ދާއިމީ ގޮތަކަށް ހުއްޓުމެއް ނެތި އިންތިޒާމްތަކާއެކު ރައްޔިތުންގެ ހިދުމަތުގައި  ދެމިހުންނަ މުއައްސަސާތަކަކަށް ވުމަކީ ތަހުޒީބުވެ ކުރިއަރާފައިވާ އެންމެހާ މުޖުތަމައުތަކުގައި އިސްތިގުރާރުވެފައިވާ ގާނޫނީ އަސްލެއް ކަމަށްވީ ހިނދު ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ)ގެ ދަށުން ރުހުން ނުލިބޭ ވަޒީރުން  ރައީސުލްޖުމްހޫރިއްޔާ އެ މަގާމުން ވަކި ކުރަންދަން  ތިބޭނީ ޑި ފެކްޓޯ މުވައްޒަފުންގެ ގޮތުގަ" އެވެ. މި ބުނުމުގެ އަސްލަކީ ރުހުމް ނުލިބުމުން ވަޒީރުން، "ޑި ފެކްޓޯ" މުވައްޒުން ނުވަތަ އިދާރީ މުވައްޒުންނަށް ބަދަލުވެ އެ ވަޒީފާ ތަކުގައި ތިބުމެވެ. ވަޒީރުންނެއް ނޫނެވެ. އިދާރީ ވަޒީފާއެކެވެ. އެބޭފުޅުންގެ ބޭނުމަކީ ވަޒީރުން މެދުވެރިކޮށް ދެމުން އައި އަސާސީ ހިދުމަތްތައް ދިނުމެވެ. ރައީސް ވަކި ކުރައްވަންދެން އެބޭފުޅުން ތިއްބަވަން ޖެހެ އެވެ. އިސްތިއުފާ ދެއްވުމަކީ އެހެން ކަމެވެ. ޖުމްލަ ޕޮޒިޓިވް އެކްޓަކީ ރުހުން ނުލިބުމުން "ޑި ފެކްޓޯ" އަށް ބަދަލުވުމާއެކު ރައީސް އެބޭފުޅުން ވަކި ކުރެއްވުމެވެ.  


މިހާ ހިސާބުން ވެސް ފާޑެއްގެ ގާނޫނީ ކޮމްޕްލިކޭޝަނެއް ނެރެވިދާނެ އެވެ. އެއީ ސަރުކާރު ހިންގާ ޕާޓީ، މިސާލަކަށް އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ ސަރުކާރަކަށް ފުރިހަމަ ކެބިނެޓެއް އުފަން ކުރެވޭ ގޮތް މީގެ ފަހަށް ނުވުމުގެ ޝައްކެވެ.


އެކަމަކު މި މައްސަލައިގެ ފުނަށް ވިސްނައިލުމުން އެއްކަމެއް ޔަގީންވާނެ އެވެ. ރުހުން ނުލިބުނު ވަޒީރުންނަށް ދިމާވި ހާލަތާއި ދެން އަންނާން ތިބި ވަޒީރުންގެ ހާލަތާ ތަފާތު ކަމެވެ. ރުހުން ނުލިބުނު ބޭފުޅުންނަކީ "ސިޔާސީ ގަތުލެ"އްގައި "ކަތިލި" ބޭފުޅުންނެވެ. ރައީސް އައްޔަން ކުރައްވާ ހުރިހާ ވަޒީރުންގެ މައްޗަށް އެ "ގަތުލު އާންމު" އާންމުކުރަން ރައްޔިތުންގެ މަޖިލިސް އޮވެވޭނެތޯ ނޫންތޯ މިއީ ވިސްނައިލަން މާ ރަނގަޅު ސުވާލެކެވެ.