ޕާކިސްތާނު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 1.6 ކިލޯގެ މަސްތުވާތަކެތި ޕާކިސްތާނުގެ ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ޕާކިސްތާނުގެ ޑްރަގްސް އެންފޯސްމަންޓާ ހަވާލާދީ ޕާކިސްތާނުގެ އޮންލައިން ނޫހެއް ކަމަށްވާ ޕާކިސްތާން އޮބްޒާވާގައި މިއަދު ބުނެފައި ވަނީ އެ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ޕާކިސްތާނުގެ އަބްތޮބާދުގައި ހުރި މީހަކު، އިންޓަނޭޝަނަލް މެއިލް ސާވިސް ދެމުން އަންނަ، އެކްސްޕްރެސް މެއިލް ސާވިސް މެދުވެރިކޮށް ރާއްޖޭގައި ހުރި މީހަކަށް ފޮނުވާ ޕާރްސަލެއްގެ ތެރޭން ކަމަށެވެ.

އެ ނޫހުގައި އިތުރަށް ބުނެފައި ވަނީ އޮފިސަރުން އެ ޕާރުސާލު ޗެކްކޮށްފައި ވަނީ ޕާރްސަލްގެ ބޭރުގައި "ބަދިގެ ސާމާނު" ޖަހާފައި އޮތުމުން ކަމަށެވެ. އެގޮތުން އޮފިސަރުން ބަލައި ފާސްކުރި އެ ތަކެތި ފޮރުވާފައި ހުރީ އޭގެ ތެރޭގައި ހުރި އެލުމިނިއަމް ތަވާ ސެޓެއްގެ ފުލުގައި، ރަބަރު ކޮތަޅުތަކެއްގައި ކަމަށް އެނޫހުގައި ބުނެފައިވެ އެވެ.