އަންނަ އަހަރަށް ލަފާ ކުރާ 17.9 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަންނަ އަހަރުގެ ބަޖެޓް ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓު މަޖިލީހުން ފާސްކުރީ 55 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ރިޕޯޓް ފާސް ކުރުމާ ދެކޮޅަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކި ކޮޅަކަށް ވޯޓު ނުދައްވައި 11 މެމްބަރަކު ތިއްބެވި އެވެ.

އަންނަ އަހަރުގެ ބަޖެޓް ފާސް ކުރުމަށް ދެކޮޅު ހެއްދެވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްމަބަރު މާރިޔާ އަހުމަދު ދީދީ އެވެ.

މިއަދު ބަޖެޓް ފާސްކޮށްފައި ވަނީ ބަޖެޓަށް ހުށައަޅުއްވާފައިވާ 35 އިސްލާހުގެ ތެރެއިން 27 އިސްލާހާ އެކު އެވެ. އޭގެ ތެރޭގައި ގާސިމް އިބްރާހިމް ބަޖެޓަށް ހުށައަޅުއްވާފައިވާ 14 އިސްލާހާ ހިމެނެ އެވެ. ގާސިމް ހުށަހެޅުއްވި 14 އިސްލާހުގައި ބުނެފައި ވަނީ އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަށް ބަދަލު ނާންނާނެ ގޮތަށް ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން 122.5 މިލިއަން ރުފިޔާ ދައުލަތުގެ މުއައްސަސާތަކަށް އިތުރު ކުރުމަށެވެ.

ބަޖެޓްގައި ހިމެނުމަށް ފާސްކޮށްފައިވާ ބައެއް އިސްލާހުތަކުގެ ތެރޭގައި ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ހުށައަޅުއްވި، ސިއްހި ދާއިރާގެ ބަޖެޓަށް 7.1 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން އިތުރުކުރުމަށް ހުށައެޅި އިސްލާހް ފާސްކޮށްފައިވެ އެވެ. އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބުދުﷲ ހުށައަޅުއްވާފައިވާ ސުނާމީގައި ހާލުގައި ޖެހުނު ރަށްރަށުގެ ބިން އިތުރުކުރުމަށް ހައުސިން މިނިސްޓްރީގެ ބަޖެޓަށް 35 މިލިއަން އިތުރުކުރުމަށް ހުށައެޅުއްވި އިސްލާހު ވެސް ވަނީ ތަޅުމުން ފާސްކޮށްފަ އެވެ.

ފާސް ނުވި އިސްލާހުތަކުގެ ތެރޭގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށައަޅުއްވާފައިވާ އާމްދަނީ އިތުރުކުރުމަށް 50 އަހަރަށް ރިސޯޓްތަކުގެ މުއްދަދު އިތުރުކޮށް، ކޮންސެޝަން ފީ ނެގުމަށް ބަޖެޓްގައި ހިމަނުއްވާފައިވާ ބައި އުނިކުރަން ހުށަހެޅި އިސްލާހު ފާހެއް ނުވި އެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލްޣަފޫރު ބަޖެޓުން ދެ ބިލިއަން ރުފިޔާ އުނިކުރަން ހުށައަޅުއްވާފައިވާ ހުށައެޅުމާއި ހުޅުމީދޫ އިލްޔާސް ލަބީބް ހުށައެޅުއްވި ލޯނުތަކުގެ ތެރެއިން ޕީއެސްއައިޕީ އަށް ހިމެނޭ ލޯނުތައް ހަތް ޕަސެންޓް މަތީ އިންޓްރެސްޓް ރޭޓެއްގައި ނުނެގޭނެ ގޮތަށް ހުށައަޅުއްވި ހުށައެޅުން ވެސް ފާހައެއްނުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން މަޖިލީހަށް ހުށަހެޅީ 16.4 ބިލިއަން ރުފިޔާގެ ބަޖެޓެވެ. އަދި މިސަރުކާރުން ވަނީ އެ ބަޖެޓް އަލުން ހުށައެޅި އިރު 17.5 ބިލިއަން ރުފިޔާ އަށް ބަޖެޓް ބޮޑުކޮށްފަ އެވެ. އަދި އެބަޖެޓް މަޖިލީހުގެ ބަޖެޓް ކޮމެޓީއަށް ފޮނުވުމުން އެ ކޮމެޓީ އިން ވަނީ 18.2 އަކަށް އެބަޖެޓް ބޮޑުކޮށްފަ އެވެ. އަދި ފަހުން ވަނީ ސަރުކާރުގެ އެދުމުގެ މަތިން 17.9 އަކަށް އެބަޖެޓް ކުޑަކޮށްފަ އެވެ.