29 Dec 2013, 13:05
އީ- ގަވަމަންޓްގެ ތެރެއިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޑޭޓާބޭސް ކައުންސިލްތަކާ ހިއްސާކުރުމަށް ހޯމް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އުމަރު ނަސީރު އެވެ. އަދި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ އެލްޖީއޭގެ ރައީސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު މިނިސްޓަރު އުމަރު ވިދާޅުވީ އެލްޖީއޭ އާ އެކު މިއަދުވީ އެއްބަސްވުމުގެ ސަބަބުން އަތޮޅު ކައުންސިލުންނާއި ރަށު ކައުންސިލުން ހޯމް މިނިސްޓަރީއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ވަގުތުން ލިބިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށާއި ކައުންސިލުތަކަށް ވެސް ވަރަށް ބޮޑެތި ފައިދާތަކެއް ވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިކަމުގެ ސަބަބުން އަތޮޅު އަދި ރަށު ކައުންސިލު ފެންވަރުން ބޭނުންވާ މައުލޫމާތުތައް ވަގުތުން އަޅުގަނޑުމެންގެ ޑޭޓާ ބޭސްއަށް ލިބިގެންދާނެ ގޮތް ހަމަޖެހުން. އުފަންވާ ކުދިން، މަރުވާ މީހުން ނުވަތަ އެފަދަ އެހެނިހެން މައުލޫމާތު. ދެވަނަ ބޭނުމަކީ އަލަށް ކުއްޖަކު އުފަންވެގެން އެ މައުލޫމާތު ސިސްޓަމަށް ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި އައިޑީކާޑު ނަންބަރެއް އެކުއްޖަކަށް ލިބުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޑީއެންއާރުގެ ޑޭޓާބޭސް މި ވަގުތު ހިއްސާކޮށްފައި ވަނީ ހަމައެކަނި ފުލުހުންނާއި އިމިގްރޭޝަން އާއި އެކުގައި ކަމަށާއި ނަމަވެސް އެ ފަރާތްތަކާ ވެސް އެ މައުލޫމާތު ހިއްސާކޮށްފައި ވަނީ އެ މައުލޫމާތަށް ބަދަލެއް ނުގެނެވޭނެ ގޮތަށް ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެލްޖީއޭގެ ރައީސް ނާޒިމް ވިދާޅުވީ އަތޮޅު އަދި ރަށު ކައުންސިލުތައް ބާރުވެރިކުރުވުމަށް މިއަދު ސޮއިކުރި އެއްބަސްވުމަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި އީ ކައުންސިލިންގެ ސަބަބުން މައުލޫމާތު ހިއްސާ ކުރުމަށް މާލެ ނައިސް ރަށުން އެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
"ޑީއެންއާރުގައި ހުރި ހުރިހާ މައުލޫމާތެއް އީ ކައުންސިލުގެ ސަބަބުން ލިބިގެންދާނެ. އަދި ރަށްރަށުގައި ދިރިއުޅުއްވާ ފަރާތްތަކުން މާލެ ނައިސް އެކަން ހިއްސާ ކުރެވޭނެ. އަދި ކައުންސިލުތަކުން ކުރަން ޖެހޭ ކަންތައްތަކަށް ބޭނުންވާ މައުލޫމާތު މިކަމުގެ ސަބަބުން ލިބިގެންދާއިރު ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ޑީއެންއާރުން ހިއްސާކުރާ މައުލޫމާތުތައް ހިއްސާކުރަމުންދާނީ އަބަދުވެސް ވަރަށް ހައި ސެކިއުރިޓީ ފީޗާއެއްގެ ދަށުން ކަމަށާއި އެގޮތުން އެ މައުލޫމާތުތަކަކަށް އެލްޖީއޭއަކުން ބަދަލެއް ނުގެނެވޭނެ ކަމަށެވެ.