29 Dec 2013, 13:02
ބައި ގަރުނުވެފައިވާ ގާނޫނުލް އުގޫބާތު އުވާލައި، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ އާ ގާނޫނުލް އުގޫބާތުގެ ބިލުގައި ލާދީނީ އަސަރުތަކެއްވާ ނަމަ އެކަންތައްތައް ބިލުން ކުޑަކޮށްފައިވާނެ ކަމަށް ގާނޫނުލް އުގޫބާތު ބިލު ދިރާސާ ކުރި ކޮމެޓިގެ މުގައްރިރު އަހުމަދު ހަމްޒާ ވިދާޅުވެއްޖެ އެވެ. ހަތް އަހަރުގެ މަސައްކަތުން މަޖިލީހުން ދިރާސާކޮށް ނިންމި ގާނޫނުލް އުގޫބާތުގެ ކޮމެޓިގެ ރިޕޯޓް މަޖިލީހަށް އިއްވަމުން ހަމްޒާ ވިދާޅުވީ ބިލުގައިވާ ލާދީނީ އަސަރުތައް ކުޑަކޮށްފައި ވާނީ ކޮމެޓީގެ މެމްބަރުންނަށް ލިބިގެންވާ އިލްމީ އަދި ޓެކްނިކަލް މައުލޫމާތުގެ އަލީގައި ކަމަށެވެ. ކޮމެޓީން ތައްޔާރު ކުރި ގާނޫނަކީ އިލާހީ ގާނޫނަށް ވުރެ ދަށު ދަރަޖައިގައިވާ "ވަޟުއީ ގާނޫނެއް" ކަމަށް ހަމްޒާ ވިދާޅުވި އެވެ. "ދުނިޔޭގެ އެކިއެކި އިލްމުވެރިން ޕްރޮފެސާ ޕޯލް ރޮބިންސަންގެ މި މަސައްކަތައް ފާޑުކިޔާފައިފައިވާ ކަމީ އަޅުގަނޑުމެން ދެނެހުރި ކަމެއް. މިކަންތައްތަކުގެ އަލީގައި އަޅުގަނޑުމެން ބަލާފައި ވާނީ އެއްވެސް ކަހަލަ ލާދީނީ އަސަރުތަކެއް މި ބިލުގެ އެކިއެކި މާއްދާތަކުގައިވާ ނަމަ އެކަންކަން އަޅުގަނޑުމެންނަށް ލިބިގެންވާ އިލްމީ އަދި ޓެކްނިކަލް މައުލޫމާތުގެ އަލީގައި އެކަންކަން ކުޑަކޮށްފައި. ވަޟުއީ ގާނޫނަކީ އިލާހީ ގާނޫނަށް ވުރެ އަބަދުވެސް ދަށު ދަރަޖައިގައިވާ އެއްޗެއް،" ބިލެތްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަހުމަދު ހަމްޒާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގާނޫނުލް އުގޫބާތުގެ މަސައްކަތް ކުރި އިރު، ދީނީ އިލްމުވެރިންގެ ވަރަށް ބޮޑަށް ކަންބޮޑުވުންތައް ފާޅު ކުރި ކަމަށާއި އެކަމަށް ހައްލެއް ހޯދުމަކީ އުނދަގޫ ކަމަކަށް ވެގެންދިޔަ ކަމަށެވެ. "މި ބިލު ދިރާސާ ކުރަމުންދިޔައިރުގައި ރާއްޖޭގެ ޝަރީއުރީ ދާއިރާ އާއި އަދި ހާއްސަކޮށް ދީނީ ދާއިރާގެ އިލްމުވެރިންގެ ނުހަނު ކަންބޮޑުވުން އޮތްކަން ފާހަގަވެގެންދިޔަ. އެކަމަށް ހައްލެއް ހޯދުމަކީ މި މަސައްކަތް ކުރިއިރު، ނުހަނު އުނދަގޫ ކަމަކަށް ވެގެން ދިޔަ. މި މަސައްކަތަކީ ދިވެހިރާއްޖޭގެ ފެންވަރުގައި ކުރި މަސައްކަތެއް ނޫން. ވަޟުއީ ގާނޫނެއްގެ ގޮތުގައި ދިއުމަކީ ބޮޑު އުނދަގޫ ކަމެއް،" ހާމްޒާ ވިދާޅުވި އެވެ. ގާނޫނުލް އުގޫބާތުގެ ބިލަކީ ދުނިޔޭގެ މަޝްހޫރު ގާނޫނީ އިލްމުވެރިއެއް ކަމަށްވާ ޕްރޮފެސާ ޕޯލް ރޮބިންސަންގެ ތައްޔާރު ކުރެއްވި ޑްރާފްޓެއްގެ މައްޗަށް އެކުލަވާފައިވާ ބިލެއް ކަމަށް ހަމްޒާ ވިދާޅުވި އެވެ. އޭނާ އެ މަސައްކަތްކޮށްފައި ވަނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ދިރާސާ ކުރެއްވުމަށް ފަހު އެވެ. އޭނާ އެ މަސައްކަތްކޮށްފައި ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ބަންޑާރަ ނައިބު ކަމުގައި ޑރ. ހަސަން ސައިދު ހުންނެވިއިރު އެވެ. ހަމްޒާ ވިދާޅުވި ގޮތުގައި ގާނޫނުލް އުގޫބާތުން ގިނަ ކަންތައްތަކެއް ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް އަންނާނެ އެވެ. އެގޮތުން ކުށުގެ ރުކުން ކަނޑައެޅުމާއި ހުއްދަ ކުރެވިގެންވާ ދިފާއު ކަނޑައެޅުމާއި މައާފު ލިބިގެންވާ ދިފާއުތައް ކަނޑައެޅިފައިވާނެ ކަމަށް ހަމްޒާ ވިދާޅުވި އެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ޖިނައީ ދައުވާ ނުކުރެވޭ ނަމަ އެ މީހެއްގެ މައްޗަށް ދެން އެ ދައުވާއެއް ނުކުރެވޭނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވާނެ ކަމަށް ހަމްޒާ ވިދާޅުވި އެވެ. ގާނޫނުލް އުގޫބާތަކީ 197 މާއްދާއެއްގެ މައްޗަށް އެކުލެވޭ ބިލެވެ. އެ ބިލުގައި ބުނާ ގޮތުން އެ ބިލަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރާތާ އެއް އަހަރު ފަހުންނެވެ.