29 Dec 2013, 12:39
ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ 49 ވަނަ ގައުމީ ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗުގައި މާލޭ ސްޕޯޓްސް ކްލަބާއި އެމްއެސް އެކަޑަމީ ވާދަކޮށް ދެޓީމް އެއްވަރުވެގެން މެޗު ނިމިއްޖެ އެވެ.
ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައި ކުރިއަށް ގެންދާ މުބާރާތުގައި ޓޮސް ދިމާވުމުން އެމްއެސް އެކަޑަމީން ގަސްދުކުރީ ހޮވާށެވެ. މެޗުގެ ފުރަތަމަ އިނިންގްސް ގައި މާލޭ ސްޕޯޓްސްގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 182 ލަނޑެވެ. އަދި އެޓީމަށް ދެވަނަ އިނިންގްސް ގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު ހެދިފައިވަނީ 131 ލަނޑެވެ.
ދެ ދުވަހު ކުރިއަށް ގެންދިޔަ އެ މެޗުގައި އެމްއެސް އެކަޑަމީ ކުޅެންއަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 147 ލަނޑު ހަދާފައިވާއިރު ދެވަނަ އިނިންގްސް އަށް އެޓީމު ކުޅެން ނުކުތްއިރު މެޗުން މޮޅުވުމަށްޓަކައި 13 އޯވަރުގެ ތެރޭގައި އެޓީމަށް 167 ލަނޑު ހަދަން ޖެހެއެވެ. އެހެން ނަމަވެސް ދެވަނަ ދުވަހުގެ ކުޅުން ނިމުނުއިރު އެކަޑަމީއަށް ތިން ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 33 ލަނޑެވެ.
މެޗު ނިމުނުއިރު އެމްއެސްއަށް ލިބިފައިވަނީ ބޯނަސް ޕޮއިންޓާއެކު 21 ޕޮއިންޓެވެ. އަދި މާލޭ ސްޕޯޓްސްއަށް ބޯނަސް 13.5 ޕޮއިންޓާއެކު 20.5 ޕޮއިންޓް ވަނީ ލިބިފަ އެވެ.
މި މެޗުގައި އެންމެ ރަނގަޅަށް އުކާފައިވަނީ އެމްއެސްގެ މުހައްމަދު ސާފީ އެވެ. އަދި އެންމެ ރަނގަޅަށް ކުޅެފައިވަނީ މާލޭ ސްޕޯޓްސްގެ މުހައްމަދު މަހަފޫޒް އެވެ.
ގައުމީ ކްރިކެޓް މުބާރަތުގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ. އެ މެޗުގައި ބައްދަލުކުރާނީ ވެސްޓް ސްޕޯޓްސް ކްލަބާއި އެމްއެސް އެކަޑަމީ އެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30ގަ އެވެ.