ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމަށް މުހައްމަދު ޒުހައިރު ހަމަޖައްސައިފި އެވެ.

ޕީޕީއެމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޒުހައިރު އެ މަގާމަށް ހަމަޖައްސާފައި ވަނީ ކައުންސިލުން ފާސްކޮށްގެން މީގެ ތިން ދުވަސް ކުރިން ކަމަށެވެ.

އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ޕާޓީގެ ރައީސް ހުށަހަޅުއްވާ ނަންފުޅެއް ކައުންސިލުން ފާސްކުރަން ޖެހެ އެވެ. ރައީސް މައުމޫން އަބުދުލްގައްޔޫމް ވަނީ ޒުހައިރަށް މަރުހަބާ ދައްނަވާ ޓުވީޓެއް ކުރައްވާފަ އެވެ.

ޒުހެއިރަކީ ޕީޕީއެމް އުފެދުނީއްސުރެ އެ ޕާޓީގެ އިސްސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އެއްގެ މަގާމު ހުސްވެފައި ވަނީ ކުރިން އެ ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ހަމަޖެއްސެވުމުންނެވެ.