29 Dec 2013, 11:57
މަޖިލީހުން ހުއްދަ ދީފައިވާ ލޯނަކަށް ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބަދަލު ގެނައުމަށް މަޖިލީހަށް ހުށަހެޅުމުން އެ ބަދަލު ނުގެންނަން މަޖިލީހުން ފާސްކޮށްފައި ވަނިކޮށް، އަނެއްކާވެސް އެ ލޯނަށް ބަދަލު ގެންނަން ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ރައީސް ޔާމިން މަޖިލީހަށް މިއަދު ހުށަހެޅުއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ ޗައިނާ އެގްޒިމް ބޭންކުން ނަގާ 982.5 މިލިއަން ޔުއާން ރެންމިންބީ (2.4 ބިލިއަން ރުފިޔާ)ގެ ލޯނުން ދެކުނުގެ ހަތަރު އަތޮޅުގައި އަޅާ 1500 ހައުސިން ޔުނިޓުގެ ތެރެއިން 704 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމަށެވެ.
ދެކުނުގެ ހަތަރު އަތޮޅުގައި 1500 ހައުސިން ޔުނިޓް އަޅަން ލޯނު ނެގުމުގެ ހުއްދަ މަޖިލީހުން ދީފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2011 އެވެ. ނަމަވެސް 1500 ހައުސިން ޔުނިޓުގެ ތެރެއިން ދެބައިކުޅަ އެއްބައި ހައުސިން ޔުނިޓްތައް ހުޅުމާލޭގައި އެޅުމަށް ކުރީގެ ސަރުކާރުން ހުށަހެޅުމުން މަޖިލީހުން މިދިޔަ އަހަރު ވަނީ ދެކޮޅު ހަދާފަ އެވެ. އަދި ލޯނަށް ބަދަލު ނުގެނައުމަށް ހަނި އަގުލަބިއްޔަތަކުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ރައީސް ޔާމިން ވިދާޅުވީ ލޯނުތަކާ ގުޅިގެން ނިންމަންޖެހޭ ކަންތައްތައް ނިންމުމުގެ ބާރު އޮންނަން ޖެހޭނީ ސަރުކާރަށް ކަމަށާއި އެހެން ގޮތަކަށް އެކަން އޮވެއްޖެނަމަ، ތަރައްގީގެ އަމާޒުތައް ހާސިލް ނުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުން ހެދި އެސެސްމަންޓުތަކަށްފަހު ހައުސިން "ނީޑްސްތައް" އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ހުޅުމާލެއަށް ކަމަށާއި ދެކުނުގައި އަޅަން ނިންމާފައިވާ 1500 ހައުސިން ޔުނިޓްތަކުގެ ތެރެއިން 704 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމުގެ ހުއްދަ ދިނުމަށް އެދޭ ކަމަށެވެ.
މަޖިލީހުން ހުއްދަ ދީފައިވާ ގޮތުން އެގްޒިމް ބޭންކުން ނަގާ ލޯނުގެ އެ މަޝްރޫއަށް އިތުރު ބަދަލެއް ނާންނާނެ އެވެ. ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ނިންމަވާފައިވާ ގޮތައް ދެކުނުގެ ހަތަރު އަތޮޅު ކަމުގައިވާ އައްޑޫ ސިޓީ އާއި ފުވައްމުލަކާއި ގދ. އަތޮޅާއި ގއ. އަތޮޅުގައި 1500 ހައުސިން ޔުނިޓްތަކެއް ބިނާކުރަން ޖެހޭނެ އެވެ.
ލޯނުގެ ދަށުން ހައުސިން ޔުނިޓް އަޅާ ހަތަރު އަތޮޅުގެ ރަށްތަކުގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގެ ހިތަދު އާއި ހުޅުމީދު އާއި ފުވައްމުލަކާއި ގއ. ވިލިނގިލިއްޔާއި ގދ. ގައްދު އާއި ގދ. ތިނަދު އާއި ގދ. ހޯޑެއްދު އާއި ގދ. މަޑެވެއްޔެވެ.
އެގްޒިމް ބޭންކުން ނަގަން ހުށަހެޅި ލޯނަކީ 20 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް ނަގާ ލޯނެކެވެ. ލޯނު ފައިސާ އެކީ ހަރަދުކޮށް ނިމުމުން ގްރޭސް ޕީރިއަޑްގައި އަހަރަކު 17.74 މިލިއަން ޔުއާން (2.3 މިލިއަން ޑޮލަރު ނުވަތަ 35.5 މިލިއަން ރުފިޔާ) އިންޓަރެސްޓްގެ ގޮތުގައި ދައުލަތުން ދައްކަން ޖެހޭނެ އެވެ. ލޯނު ދައްކާ ނިންމަން ޖެހޭ އަހަރު ކަމުގައިވާ 2033 ވަނަ އަހަރާ ހަމަޔަށް 183.14 މިލިއަން ޑޮލަރު (2.8 ބިލިއަން ރުފިޔާ) ދައުލަތުން ދައްކަންޖެހޭނެ އެވެ.