29 Dec 2013, 11:54
ނިއުއިއާ ފާހަގަކުރުމުގެ މަސައްކަތަށް ތައްޔާރުވަމުން ދަނިކޮށް ރީތިރަށް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބިދޭސީއަކު ފިހިއްޖެ އެވެ.
ރީތިރަށް ރިސޯޓުން ވާހަކަދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގާފައި ވަނީ އިއްޔެ މެންދުރު 2:18 ހާއިރު ކަމަށާއި އެ ހާދިސާގެ ސަބަބުން ފިހިފައި ވަނީ ނިއުއިއާ ފާހަގަ ކުރުމަށް ހަވާއެރުމުގެ މަސައްކަތަށް ތައްޔާރުވަމުން ދިޔަ މީހެއް ކަމަށެވެ.
އޭނާ ބުނީ ރިސޯޓު ކްލިނިކުގައި ފަރުވާދިނުމަށްފަހު 15 ވަރަކަށް މިނެޓުފަހުން އެމީހާ ދޫކޮށްލާފައިވާ ކަމަށާއި އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
ބެލެވޭގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށާއި ރިސޯޓުގެ ފަޔާމަނުންނާއި މެނޭޖުމަންޓާއި މުވައްޒަފުން ކުރި މަސައްކަތުން 30 ވަރަކަށް މިނެޓު ތެރޭގައި އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ރިސޯޓުގެ ފަޔާމަނުންނާއި މުވައްޒަފުންނާއި މެނޭޖުމަންޓުން ކުރި މަސައްކަތުން 30 ވަރަކަށް މިނެޓު ތެރޭގައި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައި. ގެސްޓުންނަކަށް އެއްވެސް ގެއްލުމެއްނުވޭ. ނަމަވެސް ގެސްޓު އޭރިއާ ސަރަހައްދަށް ކޮންމެވެސް ވަރަކަށް ދުމުގެ އަސަރުކުރި،" ރީތިރަށް ރިސޯޓުން ވާހަކަދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ ރިސޯޓުން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާތީ އެމްއެންޑީއެފަށް އެކަން ރިޕޯޓުކޮށްފައިނުވާނެ ކަމަށެވެ.