11 Dec 2010, 08:56
ރޭ ޑީއާރުޕީން މާލޭގައި ބޭއްވި މުޒާހަރާއަށް ހުރަސް އެޅުމަށް އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅު ހަދައި ތާސްކުޅެން ތިބެގެން އެމްޑީޕީގެ ހަރުގޭގައި އެމްޑީޕީގެ އެކްޓިވިސްޓުނާއި އާންމު މެންބަރުންނާއި ދެމެދު ހަމަނުޖެހުންތަކެއް ހިންގައިފި އެވެ.
އެމްޑީޕީގެ މެންބަރަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ސަން އޮންލައިނަށް މިއަދު ކިޔައިދިން ގޮތުގައި ހަމަނުޖެހުން ހިނގަން ދިމާވީ ރޭ ޑީއާރުޕީން ބޭއްވި މުޒާހަރާގެ ބައިވެރިން މުލިއާގެއަށް ދިއުމަށް މިސްރާބުޖެހި ހަބަރު ލިބުނު އިރު ހަރުގޭގައި ތިބި ބައެއް މެންބަރުންނަށް ޕާޓީގެ އެކްޓިވިސްޓުން އެންގުމުން އެމީހުން އެތަނަށް ނުގޮސް ހަރުގެ ތެރޭގައި ތާސްކުޅެން ތިބުމުން ކަމަށެވެ.
"މުޒާހަރާ ކުރާމީހުން މުލިއާގެއަށް ދާން އުޅޭތީ އެމީހުން ހުއްޓުވަން ދާން ބުނީމަވެސް މިތާ އެއްބަޔަކު ތިބީ ތާސްކުޅެން. ތިބީމަ ރުޅިއައިސްގެން ހަމަނުޖެހުން ހިނގީ. ތާސްކުޅެން ތިބީމަ މޭޒުތަކާ އެއްޗެހި ހަލާކުކޮށްލީ. އޭރުން ދެން ތާހެއް ނުކުޅެވޭނެ." އެމްޑީޕީ މެންބަރަކު ބުންޏެވެ.
ރޭ ޑީއާރުޕީން މުޒާހަރާ ކުރި އިރު މުޒާހަރާގެ ތެރެއިން އެމްޑީޕީގެ އެކްޓިވިސްޓުން ފެނުނެވެ. އަދި މަޖީދީމަގާއި އަލިކިލެފާނު މަގު ގުޅޭ ހިސާބުން ޑީއާރުޕީގެ ޕިކަޕަކަށް އަރައިގަންނަށް މަސައްކަތް ކުރި މީހުންގެ ތެރޭގައިވެސް އެމްޑީޕީ އެކްޓިވިސްޓުން ހަރާކާތްތެރިވި އެވެ.
ސަން އޮންލައިންގެ ނޫސްވެރިންނަށް އެމްޑީޕީގެ ހަރުގެއަށް ދިޔައިރު ހާލާކުކޮށްލާފައި ހުރި މޭޒުތަކެއް ހުއްޓާ ފެނުނެވެ. ނަމަވެސް އެވަގުތު ހަރުގޭގައި ތިބި މީހުންވަނީ އެތަކެތި ފޮޓޯ ނެގިޔަ ނުދީ ސަންގެ ފޮޓޯގްރާފަރު ބޭރުކޮށްފަ އެވެ.