29 Dec 2013, 11:20
ރީތިރަށް ރިސޯޓުގެ ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެމުން ރީތިރަށުގައި މަސައްކަތްކުރާ މީހަކު ބުނީ މިއަދު ހެނދުނު 6:45 ހާއިރު ގެސްޓްއޭރިއާ ޖެޓީ ސަރަހައްދުގައި މަރުވެފައި އޮއްވާފެނިފައި ވަނީ ސްރީލަންކާގެ ފިރިހެނެއް ކަމަށެވެ.
އޭނާ ބުނީ އެމީހާގެ ފަޓުލޫނު ޖީބުގައި އޮތް ވޮލެޓު ބަލައި ޗެކްކުރި އިރު އޭނާގެ ފޮޓޯތަކަކާއި ޕާސްޓުގެ އިތުރުން އެލައިޑު އިންޝުއަރެންސްގެ ކާޑެއް ފެނިފައިވާ ކަމަށެވެ.
އޭނާގެ ދެ ލޯވެސް ވަނީ ކުޑަކޮށް ހަލާކުވެފައި ކަމަށާއި ވޮލެޓުތެރެއިން ފެނުނު ލިޔުންތަކަށް ބަލާއިރު އެމީހާ އަކީ "ސިލްވާ ކޮންޕެނީ" ގައި މަސައްކަތް ކުރާ މީހެއްކަން އެނގޭ ކަމަށް ވެސް ރީތިރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
"ގެސްޓްއޭރިއާ ޖެޓީ ސަރައްދުން މަރުވެފައި އޮއްވާ ފެނިފައި ވަނީ ސްރީލަންކާގެ ރައްޔިތެއް. އޭނާ އަކީ މި ރިސޯޓުގައި މަސައްކަތްކުރާ މީހެއް ނޫން. އޭނާގެ ޖީބުން ފެނުނު ލިޔުންތަކަށް ބެލުމުން އެނގުނީ އެއީ ސިލްވާ ކޮންޕެނީގައި މަސައްކަތް ކުރާ މީހެއްކަމަށް،" ރީތިރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ޓީމެއް ރީތިރަށް ރިސޯޓަށް ގޮސް އެމީހާ މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.