29 Dec 2013, 11:17
"އަފިރިންގެ އަމާން އައްޑޫ ސިޓީ"ގެ ނަމުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ސަބަބުން އެސިޓީގައި ކުށުގެ ބިރުވެރިކަން ކުޑަވަމުން އަންނަ ކަމަށް މޭޔަރު އަބުދުﷲ ސާދިޤު ވިދާޅުވެއްޖެ އެވެ.
"އަފިރިންގެ ރެއި 2013" ގެނަމުގައި ޝަރަފުއްދީން ސްކޫލުގައި ފުލުހުން ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން މޭޔަރު ސޯބެ ވިދާޅުވީ 2012 ފެބްރުއަރީ އަށް ވަނަ ދުވަހުގެ ފަހުން އައްޑޫ ސިޓީގައި ކުށްކުރުން އިތުރުވެ، ރައްޔިތުން ކަންބޮޑުވުން އުފެދިފައި ވަނިކޮށް، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އޭރުގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނަވައިގެން މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު އައްޑޫ ސިޓީ އަށް ވަޑައިގެން ފެއްޓެވި "އަފިރިންގެ އަމާން އައްޑޫ ސިޓީ" ޕްރޮގްރާމްގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންނަށް އަމާންސިޓީއެއް އިހުސާސް ކުރެވިގެން ގޮސްފައިވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ އެދުވަހު ފެށި މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމުން އައްޑޫ ސިޓީއަކީ ކުށްމަދު، އަމާންތަނެއްކަން ރައްޔިތުން ބަލައިގެންފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި އައްޑޫ ސިޓީގެ ރައްޔިތުންގެ ނަމުގައާއި މޭޔަރުގެ އަމިއްލަ ނަމުގައި ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދަށާއި ފުލުހުންނަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އައްޑޫ ސިޓީގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ފާޅުކުރައްވައި ސޯބެ ވިދާޅުވީ މާލެ ފިޔަވައި އަތޮޅެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް، އޭގެ ޒަރީއާ އިން ކުށްކުރާ މީހުން ދެނެގަނެ، ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފެށިގެންދިޔައީ އައްޑޫ ސިޓީގައި ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ދޭހަވަނީ އައްޑޫ ސިޓީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް އިސްކަން ދެއްވާ މިންވަރު ކަމަށެވެ. ސޯބެ އަދި ވިދާޅުވީ ފުލުހުންނާއި އައްޑޫ ސިޓީގެ ޒުވާނުން ގުޅިގެން އެ ސިޓީގައި މިހާރު ކުރިޔަށްދާ އަދި ޒުވާނުންނަށް ރޭވިގެންދާ ޕްރޮގްރާމްތަކުގެ ސަބަބުން ޒުވާނުން ކުށުގެ ވެށިން ދުރަށް ދިއުމަށް ބާރުއެޅިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
އައްޑޫ ސިޓީ ޕޮލިހުން އިންތިޒާމް ކޮށްގެން ޝަރަފުއްދީން ސްކޫލުގައި ބޭއްވި އެހަފްލާއަކީ އެސިޓީގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދާ މަސައްކަތާއި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ހަފްލާއެއް ކަމަށް ފުލުހުން ބުނެ އެވެ.