29 Dec 2013, 11:03
މިދިޔަ ހަފްތާގެ ތެރޭގައި ބުރުޒުމަގު، ކޮފީ ކޯނާ ކެފޭ ސަރަހައްދުގައި ހިނގި ވަޅި ހެރުމުގެ ހާދިސާގައި މަރުވި ޒުވާނާ ނިސްބަތްވާ ގޭންގުން ބަދަލުހިފުމުގެ ގޮތުން އިތުރު މީހަކު މަރާލަން މަސައްކަތް ކުރި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިންގި ވަޅި ހެރުމުގެ ހާދިސާގައި އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް މަރުވި މއ. އައިޝާ، އުމުރުން 21 އަހަރުގެ ހުސައިން ވަހީދުގެ މަރާ ގުޅިގެން އޭގެ ރައްދުގައި އެހެން މީހަކު މަރާލަން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އެކަން ފުލުހުން ހުއްޓުވައި އެ މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބަދަލު ހިފުމުގެ ގޮތުން އިތުރު މީހަކު މަރާލަން، މަރުވި ހުސެއިންގެ ގޭންގުން ބޭނުންކުރަން އުޅުނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އެގޭންގަށް ނިސްބަތްވާ ޒުވާނެއް ކަމަށެވެ. އަދި އޭނާ މެޑިކަލް އަކަށް މާލެ ގެނައުމުން އޭނާ މިނިވަން ކުރުމަށް ގޭންގުގެ މެންބަރުން މަސައްކަތްކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މަރުވި ޒުވާނާ އަށް ނިސްބަތްވާ ޖަލުގައި 25 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންދާ އެ ގޭންގުގެ މީހެއް. މަރާލި ދުވަހު ނޫން އަނެއްދުވަހު ބަލިވެގެން ކަމަށް ހެދިގެން [އޭނާ] މާލެ އަންނަން އެދުނު. އަދި ޑީޕީއާރުއެސްގެ ސިސްޓަމްގެ ތެރެއިން އޭނަ މާލެ ގެނެވުނު. އޭރު އެ ހޮސްޕިޓަލު ކައިރީގައި އޭނަ ރާވައިގެން މިނިވަންކޮށްގެން ގެންދަން އޭނަ ނިސްބަތްވާ ގޭންގުގެ ބަޔަކު ތިބި. އެއީ އޭނަ ބޭނުންކޮށްގެން އަނެއް ގޭންގުގެ މީހަކު މަރާލުމަށް ރާވައިފައި އޮތީ. ނަމަވެސް އެ މައުލޫމާތު ލިބުމާ ގުޅިގެން އިންޓަލެޖެންސުން ތިބީ ފާރަލައިގެން ހޮސްޕިޓަލު ކައިރީގައި. އެގޭންގުގެ މީހުން އޭނަ ގެންދަން މަސައްކަތްކުރުމުން، ވަގުތުން ފުލުހުންގެ އެސްއޯ ފުލުހުން އެކަމަށް ހުރަސްއެޅި،" ހޯމްމިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިންޓެލިޖެންސާއި އެސްއޯ ފުލުހުން ގުޅިގެން ކުރި މަސައްކަތުން އިތުރު މަރެއް ހިނގިޔަ ނުދީ ހުއްޓުވާފައިވާ އިރު އެމައްސަލައާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ގޭންގު ކުއްތަކަކީ މަސްތުވާތަކެތީގެ ސަބަބުން ހިނގަމުން އަންނަ ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަން ހުއްޓުވުމަކީ ކުއްލިއަކަށް ވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
ހުސެއިން ވަހީދު މަރާލުމާއި ގުޅިގެން ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ހުސެއިންގެ ގަޔަށް ވަޅި ހެރިކަމަށް ތުހުމަތުކުރެވޭ އުމުރުން 26 އަހަރުގެ ޒުވާނެކެވެ.