29 Dec 2013, 10:32
ސ. ހިތަދޫގެއެއްގެ ތެރޭ ބާއްވާފައި އޮތް ކާރެއްގައި ރޯކޮށްލައިފި އެވެ.
ރޭ ދަންވަރު 2:00 އެހާކަންހާއިރު ރޯކޮށްލާފައި ވަނީ ހިތަދޫ މަސަލަސްގޭގެ ތެރޭ ބާއްވާފައި އޮތް ކާރެއްގަ އެވެ.
ސައުތު ޕޮލިސް ޑިވިޝަންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ ކާރުގައި ރޯކޮށްލާފައި ވަނީ ފަހަތު ސީޓުގެ ބިއްލޫރިގަނޑު ތަޅާލައި ކާރުތެރެއަށް ޕެޓްރޯލު އަޅައިގެން ކަމަށެވެ. ޝިފާން ވިދާޅުވީ އެ ހާދިސާގައި ކާރުގެ އެތެރެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަދި ކާރުގެ ބޭރަށް ވެސް ކޮންމެ ވެސް ވަރަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ ކާރުގައި ރޯކޮށްލުމަށް ބޭނުންކޮށްފައިވާ ސާމާނު ކާރުކައިރިން ފެނިފައިވާ ކަމަށެވެ.
އެ މައްސަލަ ސައުތު ޕޮލިސް ޑިވިޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.