އަންކަރާ (ޑިސެމްބަރު 29): ތުރުކީގައި ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަހްގީގުތައް ފުލުހުންނާއި ޝަރްޢީ ދާއިރާ ގުޅިގެން ފެށުމާއެކު ހަމަނުޖެހުންތައް ބޮޑުވެ އެތައް ބަޔަކު ޒަޚަމްވެ 70 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޚަބަރުލިބިއްޖެ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ތުރުކީގައި ހިންގަމުންގެންދާ ތަހްގީގުތަކަށް ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންގެ ސަރުކާރުން އެއްބާރުލުންނުދީ ހުރަސްއަޅާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން އިއްޔެ ވަނީ އުރުދުޣާންގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ކަންކޮޅުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފަ އެވެ. މިމުޒާހަރާތަކުގައި އިދިކޮޅު ފަރާތްތަކުން، އުރުދުޣާންއާއި އޭނާގެ ސަރުކާރުގެ އިސްތިއުފާ އަށް ގޮވާލުމުން އުރުދުޣާން ވަނީ މިއީ ސިޔާސީ ބޭނުމެއްގައި އޭނާގެ ސަރުކާރާ ދެކޮޅަށް ހިންގަމުންގެންދާ ތަހްގީގްތަކެއް ކަމަށް ސިފަކުރައްވައި މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އުރުދުޣާން ވަނީ ކޮރަޕްޝަން ނައްތާލުމުގެ ނަމުގައި އެގައުމުގެ ފުލުހުންނާއި ޝަރްޢީ ދާއިރާ އިން ކުރާ ތަހްޤީޤްތަކުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކަކީ ވެސް ކޮރަޕްޝަނުގެ ޢަމަލުތަކުގައި ބައިވެރިވާ ފަރާތްތަކެއް ކަމަށް ސިފަކުރައްވައި އެފަރާތްތަކަށް ބަހުގެ ހަމަލާތައް ވެސް ދެއްވާފަ އެވެ. މީގެ އިތުރުން އުރުދުޣާން ވަނީ ކޮރަޕްޝަނާ ދެކޮޅު ނަމުގައި އޭނާގެ ސަރުކާރާ ދެކޮޅަށް ކުރިޔަށް ގެންދާ ތަހްޤީޤްތަކާ ގުޅިގެން ބައެއް ކޯޓުތަކަށާއި ބައެއް ފަނޑިޔާރުންނަށް ވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. މިގޮތުން މުޖްރިމުންނާއި ޑްރަގް ވިޔަފާރިކުރާ ފަރާތްތަކާ ބައެއް ފަނޑިޔާރުންނާ ދެމެދު ރިޝްވަތުގެ ގުޅުންތައް ވާކަމަށް ވެސް އުރުދުޣާން ތުހުމަތު ކުރެއްވި އެވެ.

ތުރުކީގައި ކޮރަޕްޝަން ނައްތާލުމަށް އެގައުމުގެ ފުލުހުންނާއި ޝަރްޢީ ދާއިރާއިން ކުރިޔަށްގެންދާ ތަހްޤީޤްތަކާ ގުޅިގެން އުރުދުޣާންގެ ސަރުކާރުގެ ތިން ވަޒީރަކު މިދިޔަ ހަފްތާގައި ވަނީ އިސްތިއުފާ ދެއްވާފަ އެވެ. މިކަމުގެ ސަބަބުން އުރުދުޣާނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ. ތުރުކީގެ އިދިކޮޅު ފަރާތްތަކުން އުރުދުޣާންގެ ސަރުކާރާ ދެކޮޅަށް އިއްޔެ މުޒާހަރާތައް ކޮށްފައިވާއިރު އުރުދުޣާނަށް ތާއީދުކޮށް އާންމުންގެ އެތައްހާސް ބަޔަކު ވެސް ވަނީ މުޒާހަރާކޮށްފަ އެވެ. (ނޫސްއެޖެންސީތައް)