އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ނޯވިޗް ސިޓީ 1-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ލީގު ތާވަލުގެ ހަ ވަނައަށް ކުރިއަށް ޖެހިލިއިރު ހަމަ އެނަތީޖާއިން ކްރިސްޓަލް ޕެލަސް އަތުން މޮޅުވެ މެންޗެސްޓާ ސިޓީ ތާވަލުގެ އެއްވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

ނޯވިޗް ސިޓީގެ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް އެޓީމު ކުޅުނު މެޗުގެ 57 ވަނަ މިނިޓްގައި އެޓީމަށް މެޗުގެ ކުރި ހޯދައިދިނީ ފަހު ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެނީ ވެލްބެކް އެވެ. މި ނަތީޖާއާ އެކު 34 ޕޮއިންޓު ހޯދައިގެން ޔުނައިޓެޑް ގަދަ ހަތަރަކާ ދެ ފިޔަވަޅު ގާތަށް ޖެހިލިއިރު ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޮއިސް ބުނީ މި މެޗުގައި ޔުނައިޓެޑް މޮޅުވުމުގެ އަސްލަކީ ވެލްބެކް ކަމަށެވެ.

"މިދިޔަ ސީޒަންގައި ވެލްބެކްގެ ފަރާތުން ލަނޑު ޖެހުމުގެ ހުނަރު އެހާ ރަނގަޅަށް ފެނިގެނެއް ނުދިޔަ. އެކަމަކު މި ސީޒަންގައި ފެނިގެން މިދަނީ ކޮންމެ މެޗެއްގައިވެސް ލަނޑު ޖެހޭނޭކަން ސާބިތު ކޮށްދެމުން ގެންދާތަން. ކުޅެން އެރުމަށް ފަހު އޭނާ ވަނީ މެޗު އެއްކޮށް ބަދަލު ކޮށްލާފައި،" ވެލްބެކް އާއި ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗު ބުންޏެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ކްރިސްޓަލް ޕެލަސް އަތުން 1-0 އިން މޮޅުވެ 41 ޕޮއިންޓް ހޯދައިގެން މެންޗެސްޓާ ސިޓީ ތާވަލުގެ އެއްވަނައަށް ޖެހިލިއިރު އެ މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ލަނޑު 66 ވަނަ މިނިޓްގައި ސިޓީއަށް ކާމިޔާބުކޮށްދިނީ އެޑިން ޒެކޯއެވެ. މިއީ ބޮސްނިއާ އެންޑް ހެޒްގޮވިނާގެ 27 އަހަރުގެ ތަޖުރިބާކާރު ފޯވާޑް ސިޓީއަށް ބަދަލުވިފަހުން އެޓީމަށް ޖަހައިދިން 50 ވަނަ ލަނޑެވެ.

ޕެލަސް އަތުން މޮޅުވެ މެނުއަލް ޕެލެގްރިނީގެ ޓީމުން މި ވަނީ މިސީޒަންގައި އަމިއްލަ ދަނޑުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ 100 ޕަސެންޓް ރެކޯޑު އިތުރަށް ދަމަހައްޓާފަ އެވެ.

ތާވަލުގެ ދެވަނައިގައި 39 ޕޮއިންޓާއެކު އޮތް އާސެނަލް އަށް ވުރެ އެއް މެޗު އިތުރަށް ކުޅެ އެއް ޕޮއިންޓުގެ ތަފާތުން ސިޓީ އެއްވަނައިގައި އޮތްއިރު އެއްވަނަ މަގާމު އަނބުރާ ހޯދުމަށް މިއަދު އާސެނަލް ނުކުންނާނީ 33 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.