ޕެރިސް (ޑިސެމްބަރު 29): ސޫރިޔާގެ ވެރިކަމުގައި ރައީސް ބައްޝާރުލްއަސަދު ހުންނަވައިގެން އެގައުމުގެ ހަމަނުޖެހުންތަކަށާއި ލޭއޮހޮރުވުންތަކަށް ހައްލެއް ނާންނާނެ ކަމަށް ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދް ވިދާޅުވެއްޖެ އެވެ.

ސައޫދީ އަރަބިޔާއަށް ކުރައްވާ ރަސްމީ ދަތުފުޅެއް ފެއްޓެވުމުގެ ތަންކޮޅެއް ކުރިން، ލަންޑަންގައި ނުކުންނަ "އަލްހަޔާތް" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އޮލާންދް ވިދާޅުވީ ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ގެނެވެންއޮތީ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރުވެ ވަޑައިގެން އެގައުމުގައި ވެރިކަމުގެ އިންތިގާލީ މަރްހަލާއެއް ގާއިމް ކޮށްގެން ކަމުގަ އެވެ. ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ސުލްހައިގެ މާހާސިންތާގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކުން ވެސް އިސްކަންދޭންޖެހޭނީ ސޫރިޔާގައި ވެރިކަމުގެ އިންތިގާލީ މަރްހަލާއެއް ގާއިމްކުރުމަށް ކަމަށާ ސޫރިޔާގައި ވެރިކަމުގެ އިންތިގާލީ މަރްހަލާއެއް ގާއިމް ކުރުމަށް އެއްބަސްނުވެވިއްޖެ ނަމަ ކުރިމަގުގައި ވެސް އެގައުމުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ނުގެނެވޭނެ ކަމަށް އޮލާންދް ވިދާޅުވި އެވެ.

ސައޫދީ އަރަބިޔާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރުގެ ވަގުތެއްގައި އޮލާންދް ރިޔާޒް އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ފަރަންސޭސިވިލާތުގެ ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އޮލާންދް އެގައުމަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މިދަތުރުފުޅުގައި އޮލާންދް ސައޫދީ ރަސްގެފާނު އަބްދުﷲ އާ ކުރައްވާ ރަސްމީ މަޝްވަރާތައް ބިނާކުރައް ވާނީ ސޫރިޔާގެ މައްސަލައިގެ އިތުރުން މެދުއިރުމަތީގެ ސުލްޙައާގުޅޭ ކަންތައްތަކާއި އީރާނުގެ ނިއުކްލިޔާ މައްސަލަ އާއި އަދި ލުބްނާނުގައި ހަމަޖެހުން ގާއިމް ކުރުމުގެ މައްޗަށް ކަމަށް ސައޫދީ މަޝްހޫރު މަހުޖަނު އަމީރު ވަލީދުބިން ތަލާލް ލަންޑަންގައި ނެރުއްވާ ނޫހެއް ކަމަށްވާ އަލްހަޔާތް ބުނެ އެވެ.

ސައޫދީ އަރަބިޔާއާއި ފަރަންސޭސިވިލާތަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް ހަނގުރާމަކުރާ ހަތިޔާރުއެޅި ޖަމާއަތްތަކަށް އެހީތެރިވާ ދެގައުމެވެ. ނަމަވެސް ސޫރިޔާގެ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އަލްގާއިދާއާ ގުޅިފައިވާކަމަށްބުނެވޭ އައްނުސްރާ ޖަމާއަތަށް އެހީތެރިނުވާ ކަމަށް އެދެގައުމުން ބުނެ އެވެ. (ނޫސްއެޖެންސީތައް)