11 Dec 2010, 07:19
ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ހުންގޫ ސަރަޙައްދުގައިވާ ޝިޔަޢީންގެ ހޮސްޕިޓަލެއްގެ ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލުމުގެ ސަބަބުން 25 މީހުން މަރުވެ 35 ޒަޚަމްވެއްޖެ އެވެ. ޕާކިސްތާނުގެ ފުލުހުންބުނީ މި ޙަމަލާދީފައިވަނީ ދުއިސައްތަ ފަންސާސް ކިލޯ ގްރާމްގެ ގޮވާތަކެތިން ބަރުކޮށްފައިވާ ޓްރެކްޓަރެއްގެ ގޮއްވާލައިގެން ކަމުގަ އެވެ. ޕާކިސްތާނުގެ ޝިޔަޢީންގެ ބަޔަކު ހިންގާ މިހޮސްޕިޓަލުގެ ކައިރީގައި މިސްކިތަކާއި ދީނީ މަދްރަސާއެއްވެސް ހުރިކަމަށާ މިމިސްކިތާދެކޮޅަށް ކުރިން ޙަމަލާތަކެއް ދީފައިވާކަމަށް ފުލުހުންބުނެ އެވެ. ޝިޔަޢީންގެ ހޮސްޕިޓަލަށް އަމާޒުކޮށް ދިން މި ހަމަލާގައި ހޮސްޕޓަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން މި މިސްކަތަށާއި އެހިސާބުގެ ބައެއް އެހެން ޢިމާރާތްތަކަށްވެސް ގެއްލުންތަކެއް ލިބުނެވެ. މިޙަމަލާގެ ޒިންމާ އުފުލީ ލަޝްކަރު ޖަންގުވީން ނަމަކަށްކިޔާ ހަރުކަށި ވިސްނުމުގެ ސުންނީ ޖަމާޢަތަކުންނެވެ. ޕާކިސްތާނުގެ ފުލުހުންވަނީ ޝިޔަޢީން ފާހަގަކުރާ ޢާޝޫރާ ދުވަހުވެސް ސުންނީންގެ ހަރުކަށި ޖަމާޢަތްތަކުން ޝިޔަޢީންނަށް އަމާޒުކޮށް މިފަދަ ޙަމަލާތަކެއް ދީފާނެކަމުގެ އިންޒާރު ދީފަ އެވެ. ޢާޝޫރާ ދުވަހަކީ މިހިނގާ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހެވެ. އަނެއްކޮޅުން ޕާކިސްތާނުގެ ވަޒީރުސްތާނުގައި ދަތުރުކުރި ކާރަކަށް އެމެރިކާގެ މަތިންދާބޯޓަކުންދިން ރޮކެޓް ޙަމަލާތަކެއްގައި ހަތަރުމީހަކު މަރުވިކަންވެސް ޕާކިސްތާނުގެ ފުލުހުންވަނީ ކަށަވަރުކޮށްދީފަ އެވެ.