28 Dec 2013, 22:53
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަގުލަބިއްޔަތު ހޯދަން މަސައްކަތްކުރާނީ ރިޔާސީ އިންތިހާބަށް އެމްޑީޕީން ކުރި މަސައްކަތަށް ވުރެ ދެގުނަ ކުރިއަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕޭން ލޯންޗު ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ދެ އިންތިހާބު ކާމިޔާބު ކުރުމަށް މާޗް 22 އާއި މިއަދާ ދެމެދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރު ކުރައްވާނެ ކަމަށާއި އަނެއްކާ ވެސް ރާއްޖޭގެ ގޭގެއަށް ވަޑައިގަންނަވާނެ ކަމަށެވެ.
"މީހުންނާ ބައްދަލުކުރާނަން. އަޅުގަނޑުމެން ރާއްޖޭގެ ތަރައްގީގެ މަސައްކަތުގައި އަބަދުވެސް މަސައްކަތް ކުރާނަން. އަޅުގަނޑުމެން ބަންދުކޮށްފާނެތީވެ، ދިގު މުއްދަތަކަށް ޖަލަށްލާފާނެތީވެ، އަޅާލާނެ އެންމެ ދުވަހެއްވެސް، އެންމެ މިނެޓެއް ވެސް އަދި އެންމެ ސިކުންތެއް ވެސް ނާންނާނެ. ޖަލަށް ލަންޏާ ވަޑައިގަންނަވާ، އަޅުގަނޑު މިހުރީ ދާން ތައްޔާރަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ބިރުދެއްކުމަކަށް ފަހަތަށް ނުޖެހޭނެ ކަމަށާއި ކުރާ ދައުވާއަކަށް ޕާޓީގެ ފަރާތުން ދޫކުރަންޖެހޭނެ އެންމެ މިލިމީޓަރެއް ވެސް ނޯންނާނެ ކަމަށެވެ. އަދި އެކަމަށް ޓަކައި ފަހަތަށް ޖެހެން ޖެހޭނެ އެންމެ ސެންޓި މީޓަރެއް ވެސް ނުބާއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިކުންނާނަން. އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. ވެއްޓުނީމާ އަނެއްކާ ވެސް ތެދުވާނަން. އަޅުގަނޑުމެން ދާނީ ކުރިއަށް ބާރަށް ކުރިއަށް. އަޅުގަނޑުމެން މި މަސައްކަތެއް ހުއްޓައެއް ނުލާނަން." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ދެ އިންތިހާބު ކާމިޔާބުކުރުމަށް އެމްޑީޕީން ކުރާ މަސައްކަތުގެ ދަށުން މަސް ދުވަހުގެ ތެރޭގައި މުޅި މާލެ އާއި މުޅި ރާއްޖެ ރީދޫ ކުރާނެ ކަމަށާއި މިއިންތިހާބަށް ނިކުންނާނީ ކާމިޔާބު ހޯދަން ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ އަތުން "ދަމައިގަތް" ރިޔާސީ އިންތިހާބު ހޯއްދަވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ، މިސަރުކާރުން ފެންނަމުންދާ ހަގީގަތް ވަރަށް ސާފު ކަމަށާއި ރައީސް ޔާމީން އަމިއްލަ ފުޅަށް ކޯލީޝަންއަކީ ކޮބައިކަން ވިދާޅުވާން ފައްޓަވައިފި ކަމަށެވެ.
"ނަމަނަމަ ގަބޫލު ކުރައްވާތި އެއް ހަރަކުން ދެ ފަހަރު ކަށިޖެހިޔަ ނުދެއްވާތި. އަޅުގަނޑުމެން ރާއްޖޭގެ ވެރިކަން ހިފަހައްޓާންޖެހޭނެ. އެވެރިކަން ކިލަބުވިޔަ ދީގެން ނުވާނެ. ދިވެހި ރައްޔިތުންގެ ތަރައްގީ އަޅުގަނޑުމެން ހޯދައިދޭން ޖެހޭނެ. އެމްޑީޕީގެ އަބަދުވެސް އަމާޒަކީ އެތަރައްގީ ހޯދުން." ނަޝީދު ވިދާޅުވި އެވެ.