ޤާހިރާ (ޑިސެމްބަރު 28): މިސްރުގައި ފުރަތަމަ ފަހަރަށް އުފެދުނު ދިމުގްރާތީ ވެރިކަން ވައްޓާލި ޢަސްކަރީ އިންގިލާބާ އިދިކޮޅު ހަރަކާތްތައް އާދަޔާ ޚިލާފަށް އިތުރުވެ މިސްރުގެ 20 ގަވަނޭޓެއްގައި އެތައް ލައްކަ ބަޔަކު ޢަސްކަރީ އިންގިލާބާ ދެކޮޅަށް މިއަދު ކުރި މުޒާހަރާތަކުގައި ފަސް މީހުން މަރުވެ ސަތޭކައަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް މިސްރުގެ ސަލާމަތީ ބާރުތަކުންވަނީ ކަރުގޭހާއި ލަޓިބުރީގެ އިތުރުން ލައިވް އުންޑަވެސް ބޭނުންކޮށްފަ އެވެ. މިސްރު ފުލުހުންގެ ޖިނާއީ ތަހްގީގްތަކާ ބެހޭ މަސްއޫލުވެރިއަކު ވަނީ މުޒާހަރާކުރި މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމާ އެކު ސަލާމަތީ ބާރުތަކާއި މުޒާހަރާކުރި މީހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި ފުލުހުންނަށް ވެސް އަނިޔާވިކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މުޒާހަރާކުރި މީހުން ވަނީ މިސްރުގެ ދިމުގްރާތީ ވެރިކަން ފޮރޮޅާލި ޢަސްކަރީ މަސްއޫލުވެރިންނަށާއި ސިފައިންގެ ބެލުމުގެ ދަށުން އުފައްދާފައިވާ ވަގުތީ ސަރުކާރުގެ ވެރިންނާ ދެކޮޅަށް ވަރަށް ވަރުގަދައަށް އަޑުއުފުލައި އެމީހުންނަކީ އެމެރިކާ އާއި އިސްރާއީލުގެ އެޖެންޓުން ކަމަށް ސިފަކޮށްފަ އެވެ. އަދި މިސްރުގެ ވަގުތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ މީޑިޔާ އަށާއި ވަގުތީ ސަރުކާރުން އިސްލާޙުކުރި ޤާނޫނު އަސާސީއާ ދެކޮޅަށްވެސް މުޒާހަރާކުރި މީހުން އަޑުއުފުލާފައިވާ ކަމަށާއި އެންމެ ބޮޑެތި މުޒާހަރާތައް ކުރިޔަށްދިޔަ ރައްތަކުގެ ރަށްތަކުގެ ތެރޭގައި ޤާހިރާއާއި އިސްކަންދަރިއްޔާގެ އިތުރުން މިސްރުގެ ބޮޑެތި އެހެން ސިޓީތައް ވެސް ހިމެނޭކަމަށް ވެސް ޚަބަރުލިބެ އެވެ.
އަނެއްކޮޅުން މިސްރުގެ ސަލާމަތީ ބާރުތައް މިއަދު ވަނީ ޤާހިރާގެ ހައްޔުއްސާދިސުގައި ހުންނަ އަލްއަޒްހަރު ޔުނިވަރސިޓީގެ ކެމްޕަސް ތެރެއަށް ވެސް ވަދެގަނެ ކަރުނަގޭސް ޖަހައި އެޔުނިވަސިޓީގެ ދަރިވަރުންނާ ކުރިމަތިލާފަ އެވެ. ފުލުހުންނާ ކުރިމަތިލި ބައެއް ދަރިވަރުން އަލްއަޒްހަރުގެ ކުއްލިއްޔަތުއް ތިޖާރާއި އާއި ކުއްލިއްޔަތުއްޒިރާޢާގެ އިމާރާތްތަކުގައި ރޯކޮށްލާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ނަމަވެސް އެ އިމާރާތްތަކުގައި ރޯކޮށްލި އަލިފާންގަނޑު ވަރަށް އަވަހަށް ނިއްވާލައި ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމަށް ފަހު ސަލާމަތީ ބާރުތަކުންބައެއް ދަރިވަރުން ހައްޔަރުކޮށްފައިވާ ކަމަށް އަލްޖަޒީރާ ޚަބަރުދެ އެވެ. މިސްރުގެ ދިމުގްރާތީ ވެރިކަން ފޮރޮޅާލުމަށް ފަހު ސިފައިންގެ ބެލުމުގެ ދަށުން އުފައްދާފައިވާ ވަގުތީ ސަރުކާރުން، މިސްރުގެ އެންމެބޮޑު ސިޔާސީ ޖަމާއަތް ކަމަށްވާއިޚްވާނުލްމުސްލިމީން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ރަސްމީ ސިފައެއްގައި ހެދުމާގުޅިގެން މިސްރުގެ ހަމަނުޖެހުންތައް ވަނީ ކުރިޔަށްވުރެ ވެސް ބޮޑުވާންފަށާފަ އެވެ.
އިޚްވާން ޖަމާއަތަކީ މަގާމުން ދުރުކޮށްފައިވާ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ ސިޔާސީ ޖަމާއަތެވެ. އެޖަމާއަތުންވަނީ މިސްރުގެ އިންގިލާބީންނާ ދެކޮޅަށް ހިންގާ ސުލްޙަވެރި ހަރަކާތްތައް ވަރުގަދަކޮށް މިސްރުގައި ޤާނޫނީ ގޮތުންނާއި ދަސްތޫރީގޮތުން ސައްހަ ސަރުކާރެއް އުފެދެންދެން ޢަސްކަރީ އިންގިލާބާ ދެކޮޅު ހަރަކާތްތައް ކުރިޔަށް ގެންދާނެކަމަށް ބުނެފަ އެވެ.

މިދިޔަ އަންގާރަ ދުވަހު މިސްރުގެ އަލްމަންސޫރާގައި ހުންނަ ފުލުހުންގެ މަރުކަޒެއްގެ ކައިރީގައި ދިން ކާރުބޮމުގެ ހަމަލާއެއްގައި 16 މީހުން މަރުވެ 100 މީހުން ޒަޚަމްވުމާގުޅިގެން މިސްރުގެ ވަގުތީ ސަރުކާރުން ވަނީއެ ހަމަލާގެ ފަހަތުގައި ވަނީ އިޚްވާން ޖަމާއަތް ކަމަށްބުނެ އެޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އިޢްލާންކޮށްފަ އެވެ. މިއީ އިޚްވާން ޖަމާއަތް އަލުން ވެރިކަމަށް އަޔަނުދިނުމުގެ މަގްސަދުގައި ވަގުތީ ސަރުކާރުން ނިންމި މާޔޫސީ ނިންމުމެއް ކަމަށާ މިސްރުގެ ހާލަތު މިހާރުވަނީ އިންގިލާބީ ސަރުކާރަށް ކޮންޓްރޯލް ނުކުރެވޭ ހާލަތެއްގައި ކަމަށް އިޚްވާން ޖަމާއަތުން ވަނީ ސިފަކޮށްފަ އެވެ. (އަލްޖަޒީރާ)