މި އަހަރުގެ ފަހު ސޭލްގެ ގޮތުގައި 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ސޭލްއެއް މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް "އެސްޓީއޯ ވެއާހައުސް ސޭލް"ގެ ނަމުގައި މިރޭ އެސްޓީއޯ އިން ފަށައިފި އެވެ.

އަމީނީމަގުގައި ހުންނަ އެސްޓީއޯ 7 ނަންބަރު ކޮށީގައި މިރޭ އެ ސޭލް ފައްޓަވައި ދެއްވީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހިންގެވުމާ ހަވާލުވެހުންނެވި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ކޮންސްޓްރަކްޝަން މެޓީރިއަލްސް އިބްރާހީމް ޒިޔަތު އާއި ސުޕަމާޓުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން އަބްދުލް ފައްތާހު އެވެ.

ސޭލް ފައްޓަވައިދެއްވުމަށް ފަހު ޒިއަތު ވިދާޅުވީ މިއީ އެސްޓީއޯއިން މި ސޭލް ކާމިޔާބުކަމާ އެކު ވިދިވިދިގެން ބާއްވަމުން އަންނަތާ ތިން ވަނަ އަހަރު ކަމަށާއި އަދި މިފަހަރުގެ ސޭލްގައި ވެސް ބޮޑަށް އިސްކަންދީފައި ވާނީ އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ މުދާތައް ހެޔޮއަގުގައި އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

"މީގެ ތެރޭގައި ހިޓާޗީ، ޕިލިޕްސް، ނިޕޯންޕެއިންޓްސް އަދި މަކީޓާގެ ޕްރޮޑަކްޓސްތައް ހިމެނޭނެ،" ޒިޔަތު ވިދާޅުވި އެވެ.

އެސްޓީއޯ ސްޕަމާޓުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން ވިދާޅުވީ، ހޯމްއިމް ޕްރޫވްމަންޓުގެ ބްރޭންޑުތަކާ އެކުއެކީގައި ސުޕަމާޓުން ވިއްކާ ކާބޯތަކެތީގެ ބާވަތްތަކާއި ގޭތެރޭގައި ބޭނުންކުރާ ބައެއް ސާމާނުތައް ވެސް މި ސޭލްގައި ހިމެނޭ ކަމަށެވެ.

"ހުރިހާ އެއްޗެއް ވެސް ވަރަށް ބޮޑުތަން އަގު ހެޔޮކޮށްލާފަ މިފަހަރުގެ ސޭލްގައި މި ވިއްކަނީ. ގާތްގަނޑަކަށް ވަރަށް ގިނަ ތަކެތިން 90 ޕެސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ހުރިހާ ބޭފުޅުން ވެސް މި ފުރުސަތުގެ ބޭނުން ކުރެއްވުން،" ޕަރުވީން ވިދާޅުވި އެވެ.

އެސްޓީއޯ އިން ބުނީ މިހާރު ކުރިއަށް ގެންދާ ސޭލްގައި ވިއްކަން ހުރި ގިނަ މުދާތަކުން ބޮޑު ޑިސްކައުންޓެއް ދޭގޮތަށް ހަމަޖެހިފައިވާ އިރު ސޭލްސްގައި ބައްލަވައިގަންނަ ބައެއް މުދަލަށް ދިގު މުއްދަތެއްގެ ވޮރެންޓީ ވެސް ދޭނޭ ކަމަށެވެ. އަދި މި ސޭލްގައި ވިއްކަން ހުންނާނީ އެސްޓީއޯ އިން ވިއްކަމުންގެންދާ ކޮލިޓީ މުދާކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން މިރޭ ފެށި ވެއާހައުސް ސޭލް ކުރިޔަށް ދާނީ 28 ޑިސެމްބަރު 2013 އިން 30 ޑިސެމްބަރު 2013 އަށް ކޮންމެ ރެޔަކު 20:00 އިން 23:00 އަށެވެ.