މިސްރުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އަޒުހަރު ޔުނިވާސިޓީގެ ބައެއް ދަރިވަރުންނާއި ފުލުހުންނާ ދެމެދު މިއަދު ހިނގި ކުރިމަތިލުންތަކުގެ ސަބަބުން މިއަދު ހަދަން ހަމަޖެހިފައިވާ ޓެސްޓް ދިވެހި ދަރިވަރުން ދޫކޮށްލައިފި އެވެ.

ވެރިރަށް ގާހިރާގެ ހައްޔުއް ސާދިސް އަވަށުގައި ހުންނަ އަޒްހަރު ޔުނިވާސިޓީގެ ފެކަލްޓީތަކަށް ދަރިވަރުން މިއަދު ޓެސްޓަށް ދިޔުމުން އެ ގައުމުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ މުސްލިމް ބްރަދަހޫޑު ޖަމާއަތަށް ނިސްބަތްވާ ސަޕޯޓަރުން ވަނީ އެ ޖަމާއަތަށް ސަޕޯޓުކުރާ މީހުން ފިޔަވައި އެހެން ދަރިވަރުންނަށް ހުރަސްއަޅާފަ އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ފުލުހުންނާއި ދަރިވަރުންގެ ދެމެދުގައި ވެސް ކުރިމަތިލުންތަކެއް ވަނީ ހިނގާފަ އެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ކަރުނަގޭސް ޖަހަން ފެށުމުން އެ ސަރަހައްދުގައި އަލިފާން ރޯކޮށް ދަރިވަރުން ވަނީ ފުލުހުންނާ ދިމާލަށް ގަލާއި ފުޅި ފަދަ ތަކެތި އުކާފަ އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަނުޖެހުން ހިނގި ސަރަހައްދުގައި ހުރި ބައެއް ފެކަލްޓީތަކުގައި ކިޔަވާ ދިވެހި ބައެއް ދަރިވަރުން ވެސް ޓެސްޓުގައި ބައިވެރިވުމަށް މިއަދު ވަނީ ގޮސްފަ އެވެ.

ޓެސްޓު ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހަމަނުޖެހުން ބޮޑުވުމާ ގުޅިގެން ދިވެހި ދަރިވަރުން ވަނީ ޓެސްޓު ދޫކޮށް އެނބުރި ގެއަށް ގޮސްފަ އެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ މުޒާހަރާ ކުރި މީހުންގެ ތެރެއިން އެކެއްގެ ގަޔަށް ފުލުހުން ބަޑިޖަހައި މަރާލާފައިވާކަމަށެވެ.

އަޒުހަރު ޔުނިވާސިޓީގެ ބިޒުނަސް ފެކަލްޓީގައި ހިނގި އަލިފާނުގެ ހާދިސާ ނިއްވާލާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި އެ ހާދިސާއާ ގުޅިގެން 60 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މިސްރުގެ ސަރުކާރުން ދަނީ މިއަހަރުގެ ޖުލައި މަހުން ފެށިގެން އެ ޖަމާއަތުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހުރަސްއަޅަމުންނެވެ. އެ ގައުމުގެ ސަރުކާރުން ވަނީ އެ ޕާޓީން ހިންގާ ހުރިހާ ހަރަކާތްތަކެއް ހުއްޓާލުމަށާއި އެ ޕާޓީން ކުރިއަށްގެންދާ އެންމެހައި ހަރަކާތްތަކަކީ ޓެރަރިސްޓު ހަރަކާތްތަކެއް ކަމަށް ބުނެފަ އެވެ.