އޭސީ މިލާނަށް ކުޅޭ އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީ އަންނަ ޖެނުއަރީ ޓްރާންސްފާގައި ވިއްކައިލާން އުޅޭ ކަމަށް މީޑިއާތަކުން ފަތުރަމުންގެންދާ ވާހަކަތައް މިލާނުން ދޮގުކޮށްފި އެވެ.

ޖެނުއަރީ ޓްރާންސްފާގައި ބަލެޓޮލީ ވިއްކާލުމަށް ކްލަބުގެ ޕްރެޒިޑެންޓް ސިލްވިއޯ ބާލުސްކޯނީ ނިންމާފައިވާ ކަމަށް އިޓަލީގެ މީޑިއާތަކުން ފަތުރަމުން ގެންދާ ހަބަރުތައް ދޮގުކޮށް މިލާނުންވަނީ އެވާހަކަތަކަށް ރައްދުދީ ބަޔާނެއް ނެރެފަ އެވެ.

"މާރިއޯ ބަލެޓޮލީ ޓްރާންސްފާ ލިސްޓުގައި ހިމަނަން ޗެއާމަން ނިންމާފައިވާކަމަށް ފަތުރަމުންގެންދާ ހަބަރުތައް އޭސީ މިލާން އިން ވަރަށް ބޮޑަށް ދޮގުކުރަން،" މިލާނުން ނެރުނު ބަޔާނުގައިވެ އެވެ.

ކުރިން މެންޗެސްޓާ ސިޓީއަށް ކުޅުނު ހުނަރުވެރި ފޯވާޑް މިލާނާ ގުޅުނީ މި އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި 19 މިލިޔަން ޕައުންޑުގެ ފީއަކަށެވެ.

މިސީޒަންގައި ބަލޮޓެލީ މިލާނަށް މިހާތަނަށް ކުޅުނު 12 މެޗުގައި ހަ ލަނޑު ޖަހާފައިވާއިރު އޭނާ ވަނީ ޔޫރަޕްގެ ޗެމްޕިއަންކަން ހަތްފަހަރު ހޯދާފައިވާ މިލާނަށް މިދިޔަ ސީޒަންގައި ކުޅުނު 13 މެޗުން 12 ލަނޑު ޖަހައިފަ އެވެ.