28 Dec 2013, 20:54
އިނގިރޭސި ޕްރެމިއާ ލީގުގެ ސްވަންސީ ސިޓީ އަށް ކުޅޭ ސްޕެއިންގެ ފޯވާޑް މިޗޫގެ އަނިޔާ ރަނގަޅުވަމުން އަންނަ ކަމަށް އެކްލަބްގެ ކޯޗް މައިކަލް ލައުޑްރަޕް ބުނެފި އެވެ.
ލައުޑްރުޕް ބުނީ، މިޗޫގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާ އަކަށް ފަރުވާ ހޯދުމަށް ކުރަން ޖެހޭ އޮޕަރޭޝަން ނިމިފައިވާ ކަމަށާއި، މިހާރު އޭނާގެ އަނިޔާ ރަނގަޅުވަމުން އަންނަ ކަމަށެވެ.
"އަހަރެމެން ކުރިން ހީކުރީ މިޗޫގެ އަނިޔާއިން ސަލާމަތްވާން ހަ ހަފްތާ ނަގާނެކަމަށް. ނަމަވެސް މިހާރު ލިބިފައިވާ އުފާވެރި ހަބަރަކީ އޭނާގެ އަނިޔާ ރަނގަޅުވަމުންދާ ކަމުގެ ހަބަރު. މިޗޫ ކުރަންޖެހޭ އޮޕަރޭޝަން މިހާރު ނިމިއްޖެ." ލައުޑްރަޕް ބުންޏެވެ.
މިދިޔަ އަހަރު ސްޕެއިންގެ ރަޔޯ ވަލެކާނޯ އިން ސްވަންސީ އާއި ގުޅުނު 27 އަހަރުގެ ފޯވާޑް ވަނީ ސްވަންސީ އަށް 28 ލަނޑު ޖަހައިދީފަ އެވެ. އެހެންނަމަވެސް ކަކުލާއި ކުޑަ ހުޅުގެ އަނިޔާތަކާއި ގުޅިގެން، މިސީޒަނުގައި މިޗޫގެ އެންމެ ރަނގަޅު ކުޅުން ވަނީ ނުފެނިފަ އެވެ.
މިޗޫ އަށް ކުޅުމާއި ދުރަށް ދާން ޖެހުނުއިރު، ނޯވިޗް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ސްވަންސީގެ ވިންގާ ނަތާން ޑަޔާ އަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އޭނާވެސް ވަނީ ފެބްރުއަރީ މަހާއި ހަމަޔަށް ކުޅުމާއި ދުރަށްދާން ޖެހިފަ އެވެ.