28 Dec 2013, 18:02
ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި ރެކޯޑު މޮޅަކާއެކު، ބޮޑު ކާމިޔާބީއެއް ހޯދި ނިއުރޭޑިއަޓް ސްޕޯޓްސް ކުލަބަށް ކުޅުނު ބިދޭސީ ތިން ކުޅުންތެރިން އަންނަ ސީޒަނުގައި ބޭނުން ނުކުރަން އެ ކުލަބުން ނިންމައިފި އެވެ.
ނިއުއަށް މިދިޔަ ސީޒަނުގައި ކުޅުނު ބިދޭސީ ތިން ކުޅުންތެރިންނަކީ، ގާނާގެ ގައުމީ ޓީމަށް ކުޅުނު މިޑްފީލްޑަރު ޔޫސުފް ނޫރިއްދީން އާއި ނައިޖީރިއާގެ ޑިފެންޑަރު ކިންގްސްލީ ޗުކްވުޑީ އަދި ގީނީ ޑިފެންޑަރު ސީލާ މަންސާ އެވެ.
ނިއުއިން ބުނީ، ބިދޭސީ އެ ތިން ކުޅުންތެރިންގެ ކޮންޓުރެކްޓް މިއަހަރަށް ހަމަވެފައިވާ ކަމަށާއި އެކުޅުންތެރިން އަންނަ ސީޒަނުގައި ނުގެންނަން ނިންމީ އެކުޅުންތެރިން ކުޅެމުންއައި މަގާމްތަކަށް ތަޖުރިބާކާރު މުހިންމު ކުޅުންތެރިންތަކެއް ދާދިފަހުން ގުޅެފައިވާތީ އެވެ.
އަންނަ ސީޒަނުގައި ނިއުއަށް ކުޅެން ސޮއި ކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނިމިދިޔަ ސީޒަނުގައި ބީޖީއަށް ކުޅުނު އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި މުހުތާރު ނަސީރު (ޓޫކިލޯ) އަދި މާޒިޔާއަށް ކުޅުނު ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އެވެ.
އަންނަ ސީޒަންގައި ނިއުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ސްޕެއިންގެ ކޯޗެއް ކަމަށްވާ އަންހެލް ޕެރޭޒް ގާސިއާ އެވެ.
ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި ނިއު އިން ހޯދި ބޮޑު ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި އެކުލަބުގެ މުހިންމު ބައެއް ކުޅުންތެރިން ވެސް ވަނީ ކުލަބުގައި މަޑުކުރަން ކޮންޓުރެކްޓު އާކޮށްފަ އެވެ. އެގޮތުން އެކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު އުމެއިރާއި ގޯލްކީޕަރު އިމްރާން މުހައްމަދާއި އަހުމަދު ނިޔާޒާއި އަހުމަދު އަބްދުﷲ (ލިލީ) އެވެ. މީގެ ތެރެއިން އިމްރާން ފިޔަވައި އެހެން ކުޅުންތެރިން ކޮންޓްރެކްޓް އާކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.
ނިއުއިން ބުނީ ކުރިން ކޮންޓްރެކްޓް ހަދާފައިވާ ކުޅުން ތެރިންގެ ތެރޭގައި ހިމެނޭ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ މުޙައްމަދު ސިފާން (ކުޑައްޓޭ)، އިންސްމާއިލް އީސާ (މެސީ)، އަދި ރިލްވާ ވަހީދު (ރިލޭ) ފަދަ ކުޅުންތެރިން އަންނަ ސީޒަންގެ ނިޔަލަށް ޓީމުގައި މަޑު ކުރާނޭ ކަމަށެވެ.