ބާސެލޯނާގެ އެއް ނަންބަރު ގޯލްކީޕަރު ވިކްޓާ ވަލްޑޭސްގެ ކުޑަ ކަޅުވާ އަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދުމަށް ފަހު، ކުޅުމަށް އެނބުރި އައުމަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ބުނެފި އެވެ.

ވަލްޑޭސް އަށް އަނިޔާވެފައި ވަނީ މިދިޔަ ނޮވެމްބަރު މަހު ދެކުނު އެފްރިކާ އާއި ދެކޮޅަށް ސްޕެއިން ގައުމީ ޓީމަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގަ އެވެ. އެމެޗުގައި ސްޕެއިން އަތުން 1-0 ލަނޑުން މޮޅުވެ ދެކުނު އެފްރިކާ ވަނީ މުޅި ދުނިޔެ ސިއްސުވާލާފަ އެވެ.

ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އަމިއްލަ ދަނޑުގައި އެލްޗޭ އާއި ދެކޮޅަށް ކުޅޭ ލީގު މެޗަށް ނުކުތުމަށް ވަލްޑޭސް ދަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން ބާސާ އަށް އުމުރުން 31 އަހަރުގެ ވަލްޑޭސް ކުޅުނު މިދިޔަ މަހު ކުރީ ކޮޅުގަ އެވެ. ރެއާލް ބެޓިސް އާ ދެކޮޅަށް ލަލީގާގައި ކުޅުނު އެމެޗުން ބާސާ މޮޅުވީ 4-1 ލަނޑުންނެވެ.

ވަލްޑޭސް ބުނީ، ޓެސްޓްތައް ދައްކާ ގޮތުން ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް ކަމަށާއި އެނބުރި އައުމަށް ކެތް މަދުވެފައިވާ ކަމަށެވެ. "އަހަރެން މިހިރީ ތައްޔާރަށް. އަނިޔާއަށް ފަރުވާ ހޯދައިދިން މެޑިކަލް ޓީމަށް ޝުކުރު އަދާކުރަން." ވަލްޑޭސް ބުންޏެވެ.

އެކްލަބާ އެކު ވަލްޑޭސް ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު މިސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. މިސީޒަންގައި ވަލްޑޭސްގެ ކޮންޓްރެކްޓް ބާސާއިން އާނުކޮށްފި ނަމަ، އޭނާ އަށް ހިލޭ ޓްރާންސްފާއެއްގެ ދަށުން އެހެން ކްލަބަކަށް ބަދަލުވެވޭނެ އެވެ.