އަހަރެމެން ގިނަ މީހުންނަކީ ކެއުމުގައި ބޭނުންކުރާ ތަކެއްޗާއި އެއިން ލިބޭ ފައިދާއަށް އެހާބޮޑު ސަމާލުކަމެއް ދީގެން އުޅޭ ބައެއް ނޫނެވެ. ޒަމާނުއްސުރެން އަޅުގަނޑުމެންގެ ތެރޭގައި ފެތުރިފައިވާ އާދައަކީ އަނގަޔަށް މީރު ރަހަ ހެޔޮވަރު އެއްޗެއް ވިއްޔާ ހެސްކިޔާފަ ކާންވީ އެވެ. އެއިން ހަށިގަނޑަށް ލިބެނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ބަލައިލުމެއް ނޯވެ އެވެ.

މޭވާއާ ތަރުކާރީ އާންމު ކެއުމުގައި ކޮންމެ މީހަކު ވެސް ދުވާލެއްގެ މައްޗަށް ކޮންމެވެސް މިންވަރެއް ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ. ހާއްސަކޮށް ތަފާތު ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް އޭގެ މުހިއްމުކަން ވަރަށް ބޮޑެވެ.
ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ މިންވަރަކީ 400 ގްރާމް އެވެ. މި މިންވަރު ފަސް އިރެއްގެ މައަޗަށް ބަހާލައިގެން ކެއުމަށް ސިއްހީ ދާއިރާގެ މާހިރުން ލަފާދެ އެވެ. އެގޮތުން އުމުރުން ފަސް އަހަރުން ފެށިގެން މަތީގެ ކޮންމެ އިންސާނަކަށް ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މިދެންނެވި 400 ގްރާމް ފަސް ބަޔަކަށް ބަހަލައިގެން ކޮންމެ އިރަކަށް 80 ގްރާމް ތަރުކާރީ އާއިމޭވާ ކޮންމެ ދުވަހެއްގެ ކެއުމުގައި ބޭނުންކުރަން ޖެހެ އެވެ.

މޭވާ އާއި ތަރުކާރީގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދެނެގަތުމަށް މިފަދަ ގޮތަކަށް ބަހައިލެވިދާނެ އެވެ. ކޮންމެހެން މި ބާވަތްތައް ލިޔެވިފައި މިވާ ތަރުތީބުން ބޭނުންކުރާކަށް ނުޖެހެ އެވެ. މިތީގައި މިވާގޮތަށް ތަފާތު ތަރުކާރީއާއި މޭވާގެ ބާވަތްތައް އެކި ދުވަސްދުވަހަށް ބަހައިލެވިދާނެ އެވެ. މިސާލަކަށް:

1- ކޮންމެ ދުވަހެއްގެ ހެނދުނުގެ ނާސްތާއާ އެކު އެއްތަށި މޭވާ ޖޫސް ބޯށެވެ.
2- ކޮންމެ ދުވަހެއްގެ މެންދުރު ކެއުމުގެ ކުރިން އޮރެންޖެއް ކާށެވެ.
3- މެންދުރުގެ ކެއުމުގައި ކޮންމެ ދުވަހަކު ވެސް ބޮޑު ކިއުކަމްބާ ފޮއްޗެއް ހިމަނާށެވެ.
4- ކޮންމެ ދުވަހެއްގެ މެންދުރު ފަހު، އާފަލެއް ކާށެވެ.
5- ރޭގަނޑުގެ ކެއުމުގައި 80 ގްރާމްގެ މިންވަރަށް ފުދޭވަރަށް ކޮލީފްލާވާ ނުވަތަ ބްރޯކަލީ ބޭނުންކުރާށެވެ.

ހިތުގެ ބަލިތަކަކީ މިހާރަކަށް އައިސް އަހަރެމެންގެ ރާއްޖޭގައި ވެސް ކަންބޮޑުވާ މިންވަރަށް ގިނަވަމުން އަންނަ މައްސަލަތަކެކެވެ. އަދި ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލްގެ މައްސަލަ ތަކަކީ ޒަމާނުއްސުރެން އާންމުވެފައިވާ ބަލިތަކެވެ. މިފަދަ ކަންކަން އާންމުވާން ދިމާވާ އެންމެ ބޮޑު މައްސަލައަކީ އަހަރެމެން ހަށިގަނޑަށް ލިއްބައިދޭން ޖެހޭ ކާނާގެ ބާވަތްތަކާ ދޭތެރޭގައި ފަރުވާ ކުޑަކޮށް އަމިއްލަ ނަފްސާ ދޭތެރޭގައި އަޅައި ނުލުމެވެ.

އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން ކުރި ރިސާޗަކުން ދައްކާ ގޮތުގައި އުމުރުން 50 އަހަރުން މަތީގެ ކޮންމެ މީހަކު ދުވާލަކު އާފަލެއް ކާނަމަ، އަހަރަކު 8500 މީހުން ހާޓްއެޓެކާއި ސްޓްރޯކް ޖެހުމުން ދުރުކޮށްދެ އެވެ. އެ ދިރާސާ އިން ދައްކާގޮތުގައި ހިތުގެ ބަލިތަކަށް ހުންނަ ހާއްސަ ޑޮކްޓަރީ ބޭސްތަކުން ލިބޭ ފައިދާއާ އެއްފަދައިން ނުވަތަ އެއަށް ވުރެ ރަނގަޅު ފައިދާ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް އާފަލުން ލިއްބައިދެ އެވެ.

މޭވާއާއި ތަރުކާރީގެ ކޮންމެ ބާވަތަކީ ވެސް ހަށިގަނޑަށް ފައިދާތަކެއް ލިއްބައިދޭ ބާވަތްތަކެވެ. ގިނަފަހަރު އަހަރެމެން ޑޮކްޓަރަށް ދެއްކުމުން ބައިވަރު ބޭސްތަކެއް ދީފައި އެވެނި އެއްޗެއް ނުކާން މިވެނިއެއްޗެއް ކާން އިރުޝާދުދެނީ، ހަށިގަނޑަށް ބޭނުންވާ ކާނާގެ މުހިއްމު ބައިތައް ހަމަކުރުމަށެވެ. އޭގެ ސަބަބުން ދިފާއީ ނިޒާމް ވަރުގަދަކޮށްދީ ހަށިގަނޑު ހަމައަކަށް އަޅުވައި ދުޅަހެޔޮ ސިއްހަތަކަށް މީހާ އެނބުރި ރުޖޫއަ ކުރުމަށް ހަށިގަނޑަށް ބޭނުންވާ ފާރަވެރިންތަކެއް ހަށިގަނޑުގައި ގާއިމުކުރުމެވެ. ހަގީގަތަކީ އާންމު ދިރިއުޅުމުގައި މިކަންކަން ގަވާއިދުން ކުރާނަމަ މިހުރިހާ ބޭސްތަކާ އެއްޗެހި ކާން ނުޖެހި ޑޮކްޓަރުންނާ ވެސް ދުރުގައި އުޅެން މީހާއަށް ފުރުސަތު ލިއްބައިދެނީ އެވެ.

ދިރާސާތަކުން ދައްކާގޮތުގައި ބޮޑެތި މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައިމީހުން އެބައިމީހުންގެ ދުވަހުގެ ކެއުމުގައި ކޮންމެހެން ބޭނުންކުރަން ޖެހޭ މޭވާއާއި ތަރުކާރީގެ ފަސްބައިކުޅަ އެއްބައިވެސް ބޭނުން ނުކުރެ އެވެ.

"ކޮންމެ 10 މީހުންގެ ތެރެއިން ނުވަ މީހުން ބޭނުން މިކުރަނީ މޭވާއާއި ތަރުކާރީގެ ތެރެއިން ކޮންމެހެން ކާން ޖެހޭ މިންވަރުގެ ފަސްބައިކުޅަ އެއްބައި. ގިނައިން ތަރުކާއީ އާއި މޭވާ ކެއުމުން އަހަރެމެންނަށް އެއިން ލިބޭ ފައިދާ އިތުރުވޭ،" އޮކްސްފޯޑް ޔުނިވާސިޓީގައި މަސައްކަތްކުރާ ބްރިޓިޝް ހާޓް ފައުންޑޭޝަން ހެލްތު ޕްރޮމޯޝަން ރިސާޗު ގްރޫޕުގައި މަސައްކަތްކުރާ ޑރ. އެޑަމް ބްރިގްސްއާއި އޭނާގެ ޓީމުން ބުނެފައިވެ އެވެ.

އޮކްސްފޯޑު ޔުނިވާސިޓީގެ ހިސާބުތަކުން ދައްކާގޮތުގައި ފުރާފުރިހަމަ ވެފައިވާ މީހުންގެ ތެރެއިން ހުރިހާ އުމުރުފުރައެއްގެ މީހުން ހިމެނޭގޮތަށް ކޮންމެ މީހަކުވެސް ތަރުކާރީއާއި މޭވާގެ ބާވަތްތަކުގެ ތެރެއިން ކޮންމެހެން ބޭނުން ކުރަންޖެހޭ މިންވަރުގެ ފަސް "ޕޯޝަން"ގެ އިތުރުން އެއް ޕޯޝަން ބޭނުންކުރާ ނަމަވެސް "ވަސްކިއުލާ ޑެތްސް" ލޭގެ ނިޒާމަށްޖެހޭ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް އަހަރަކު 11000 މަރު ސަލާމަތްކުރެވޭނެ އެވެ.

ކުރީޒަމާނުގައި އިނގިރޭސިވިލާތު މީހުން ބުނެއުޅޭ "އޭން އެޕަލް އަ ޑޭ ކީޕްސް ދަ ޑޮކްޓަރ އަވޭ" ފަދައިން ޑޮކްޓަރުންނާ ދުރުހެލިވުމަށް ބޭނުންކުރެވޭނެ އެންމެ ރަނގަޅު މަންތިރިއަކީ އާފަލެވެ. – ދުވާލަކު އާފަލެއް ކާނަމަ ޑޮކްޓަރުންނާ ދުރުކޮށްދޭނެ އެވެ. އޮކްސްފޯޑް ޔުނިވާސިޓީގެ ހޯދުންތަކުން ބުނެފައި ވަނީ މި ހަރުބަހުގައި ބުނެފައިވާ ފަދައިން އާފަލަކީ ނާރުގެ ބަލިތަކާއި ލޭގެ ނިޒާމަށްޖެހޭ ބަލިތައް ތަހައްމަކުކުރަމުން ގެންދާ އުމުރުން 50 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ވަރަށް މުހިއްމު މޭވާއެއް ކަމަށެވެ.

ދިރާސާއިން ދައްކާގޮތުގައި ކޮލެސްޓްރޯލް ދައްކުރުމަށް ދޭ ބޭސްތައް ބޭނުންކުރާ ކޮންމެ 10 މީހެއްގެ ތެރެއިން މަދުވެގެން ހަތް މީހުން، ދީފައިވާ އިރުޝާދާ އެއްގޮތަށް ބޭސް ބޭނުން ކުރާ ނަމަ އަހަރަކު 9400 މީހުންގެ ފުރާނަ ސަލާމަތްކުރެވެ އެވެ. ހަމަ އެފަދައިން އެ ނިސްބަތުން އެފަދަ މީހުންގެ ތެރެއިން ދުވާލަކު އާފަލެއް ކާނަމަ 8400 ފުރާނަ ސަލާމަތްކުރެވޭނެ ކަމަށް ދިރާސާ އިން ދައްކަ އެވެ. މި ދިރާސާ ކުރި ޓީމުން ބުނެފައި ވަނީ އެމީހުން މައުލޫމާތުތައް އެއްކޮށްފައި ވަނީ، ކޮލެސްޓްރޯލް އާއި ލޭގެ މައްސަލަތައް ހުންނަ އެތަކެއް ހާސް ބަލިމީހުން ބޭނުންކޮށްގެން ކަމަށެވެ.

"އާންމު ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް ވިކްޓޯރިއަންސްގެ ޒަމާނުގައި ބޭނުންކޮށްފައިވަނީ ވަރަށް މޮޅު އަދި ފަސޭހައި އެނގޭ ސާދާ ޖުމުލައެއް. ' ދުވާލަކު އާފަލެއް ކާނަމަ ޑޮކްޓަރުންނާ ދުރުކޮށްދޭނެ'. އެއިން އެބަ ދައްކުވައިދޭ ކާނާއަށް ގެންނަ ކުޑަކުޑަ ބަދަލެއްގެ ސަބަބުން އަދި ބޭހާއި ދުޅަހެޔޮ ސިއްހަތެއް ހޯދުމަށް ކުރެވޭ މަސައްކަތުގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކުން ދުރުކޮށްދޭކަން،" ޑރ. ބްރިގްސް ވިދާޅުވި އެވެ. "މިހާތަނަށް އެއްވެސް މީހަކު އަހަރެމެން ކައިރީ ނުބުނޭ ކޮލެސްޓްރޯލް ދަށްކުރުމަށް ބޭނުންކުރާ ބޭހުގެ ބަދަލުގައި އާފަލު ކާށެކޭ. އެކަމަކު ގިނައިން މޭވާގެ ބާވަތްތައް ބޭނުންކުރާ އެންމެނަށް ވެސް އޭގެ ފައިދާ ލިބޭނެ."

އިނގިރޭސިވިލާތުގެ "ސްޓްރޯކް އެސޯސިއޭޝަން"ގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޕީޓާ ކޯލްމަން ވިދާޅުވީ "ބެލަންސް ޑައެޓެއް" ބޭނުންކުރާ ނަމަ ކޮންމެ މީހަކަށް ވެސް އޭގެ ފައިދާތައް ކުރާނޭ ކަމަށެވެ.

ޒަމާނުއްސުރެން އެނގިފައި އޮންނަ ގޮތުގައި އާފަލަކީ، ދުޅަހެޔޮ ސިއްހަތެއްގައި ހަށިގަނޑު ބެހެއްޓުމަށްޓަކައި ބޭނުންވާ "އެންޓި އޮކްސިޑަންޓް" އާއި "ކެމިކަލް ކޮމްޕައުންޑްސް"ތަކުން ރައްކާތެރިކޮށްދޭ ގުދުރަތީ ވަސީލަތެއް ކަމަށްވާ "ފްލެވާނޮއިޑްސް" ހިމެނޭ މޭވާއެކެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާއިން ދައްކާގޮތުގައި ތާޒާ މޭވާއާއި ތަރުކާރީ ހިމެނޭގޮތަށް ކެއިންބުއިން ރަނގަޅަށް ބައްޓަންކޮށް ދުވާލެއްގެ މައްޗަށް އާފަލެއް ކާނަމަ، ހިތުގެ ބަލިތަކާއި ސްޓްރޯކު ޖެހުމުން މީހާ ދުރުކޮށްދެ އެވެ.